ދުނިޔެ
ތެލުގެ އަގު ވަގުތުން ހެޔޮކުރުމަށް ރީޓެއިލް ވިޔަފާރިވެރިންނަށް ޓްރަމްޕް އަންގައިފި
ތެލުގެ އަގު ހެޔޮކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އެންގުން. ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގައި ޕެޓްރޯލްގެ ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުން ވަގުތުން އަގުތައް ދަށްކުރުމަށް އަންގައިފިއެވެ.
އަދި މިކަން މިގޮތަށް ނުކޮށްފިނަމަ ކުރިއަށް އޮތް ތަނުގައި ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ރައީސް ޓްރަމްޕް ވަނީ ދީފައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ "ޕެޓްރޯލް ވިއްކާ ފަރާތްތަކުން ވަގުތުން އަގުތައް ތިރިކުރަންޖެހޭނެ،" ކަމަށެވެ. އަދި ނުހައްގު ގޮތުގައި އަގު ބޮޑުކުރުމަކީ (ޕްރައިސް ގޯޖިންގް) މުޅިން ޣައިރު ގާނޫނީ ކަމެއް ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޓްރަމްޕް ވަނީ ޕެޓްރޯލް ގެލަނެއްގެ އަގު 2.50 ޑޮލަރަށް ތިރިކުރުމަށް އަމާޒު ހިފުމަށް ގޮވާލައިފައެވެ.
ޚާއްޞަގޮތެއްގައި ކެލިފޯނިއާ ސްޓޭޓަށް އިޝާރާތް ކުރައްވައި، އެ ސްޓޭޓުން ޕެޓްރޯލުން ނަގާ ޓެކްސް ކުޑަކުރުމަށް ޓްރަމްޕް ބާރުއަޅައިފައިވެއެވެ. ޓްރަމްޕް ބުނީ ކެލިފޯނިއާގެ ރައްޔިތުންނަށް އެ ސްޓޭޓްގެ ސަރުކާރުން ނަގާ ބޮޑެތި ޓެކްސްތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް އަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް، ޚާއްޞަކޮށް ތެލުގެ އުފެއްދުންތަކަށް ބާރުއެޅުމަށް ޓްރަމްޕް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ، ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގެ އެތެރޭގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން 2015 ވަނަ އަހަރު ތެޔޮ ލީކުވުމުގެ ހާދިސާއަކާ ގުޅިގެން ބަންދުކޮށްފައިވާ ކެލިފޯނިއާގެ ތެޔޮ ހޮޅިއެއް އަލުން ހުޅުވުމަށް ކުއްލި ނުރައްކަލުގެ ބާރުގެ ބޭނުން ޓްރަމްޕް ވަނީ ކޮށްފައެވެ.
މީގެ އިތުރުން، ބޮޑެތި ތެޔޮ ކުންފުނިތަކުން ތެޔޮ ގަންނަން ލިބޭ އަގު ދަށްވި ނަމަވެސް، އާންމުންނަށް ވިއްކާ އަގު އެ މިންވަރަށް ދަށްނުކުރާ މައްސަލަ ތަހުގީގު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކޮށްފައިވާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް ބުނީ ތެޔޮ ކުންފުނިތަކުން އާންމުންގެ އަތުން ނުހައްގު ފައިދާ ނަގަމުންދާ ކަމަށެވެ.
އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމުން ތެލުގެ އަގު ވަރަށް ބޮޑަށް ތިރިވާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުނި ނަމަވެސް، އިގްތިސާދީ މާހިރުން ދެކޭގޮތުގައި މި ހަނގުރާމައިގެ ސަބަބުން ދިގު މުއްދަތަކަށް އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. މި މައްސަލަ ކުރިމަތިވެފައިވަނީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑް-ޓާމް އިންތިޚާބާ ދިމާކޮށް، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.