ދުނިޔެ / ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ އުފުލިއްޖެ

ތެލުގެ އަގު އުފުލުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 10:28

30 ޖޫން 2026، 10:28

އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ނުރައްކާތެރި ޢަސްކަރީ ޙަމަލާތަކެއް ބަދަލުކުރަން ފެށުމާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލިއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުގެ މަޤްޞަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އީރާނުގެ ރައީސް މަސްޢޫދު ޕެކެޝްކިއަން ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ހިމެނޭ ނުކުތާތައް މާނަކުރުމުގައި އުފެދުނު ދެބަސްވުންތަކާއި، އަލުން ބަދަލުކުރަން ފެށި ޙަމަލާތަކުގެ ސަބަބުން މި އެއްބަސްވުމުގެ މަޤްޞަދު ހާސިލުވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ކުރިމަތިލުންތައް އަލުން ހޫނުވީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ވިޔަފާރި އުޅަނދަކަށް ޖޫން 25 ގައި އީރާނުން ޙަމަލާދިން ކަމަށް ބުނެ، ޖޫން 26 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އީރާނަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ބަޙްރައިންއާއި ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯންގެ ޙަމަލާތަކެއް ދީފައެވެ. މި ވަގުތު ދެ ޤައުމުން ޙަމަލާތައް ހުއްޓާލާފައިވީ ނަމަވެސް، މަޝްވަރާތައް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ބްރެންޓް ތެލުގެ އަގު ވަނީ 0.9 އިންސައްތަ އިތުރުވެފައެވެ. މިހާރު އޮގަސްޓް މަހަށް އެއްބަސްވެފައިވާ އަގަކީ ފީފާއަކަށް 73.21 އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގަށްވުރެ 1.27 ޑޮލަރު ބޮޑު އަދަދެކެވެ.

ތެލުގެ ބާޒާރު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އަގުތައް މިހާ ބޮޑަށް އުފުލުނީ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އިންވެސްޓަރުން މާ އަވަހަށް އުންމީދު ކުރުމަށްފަހު، އަލުން ކުރިމަތިލުންތައް ފެށުމުންނެވެ. ޚާއްޞަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ޙަމަލާދޭން ފެށުމަކީ ތެލުގެ ސަޕްލައިއަށް ބޮޑު ނުރައްކަލެއް އޮތް ކަމުގެ ހެއްކެއް ކަމަށް އެނަލިސްޓުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450