ދުނިޔެ
ޣައްޒާގައި ޝަހީދުވި ނޫސްވެރިންގެ މައުލޫމާތު މުރާޖައާ ކުރަމުންދަނިކޮށް ސީޕީޖޭގެ ބޯޑުން މެންބަރަކު ވަކިކޮށްފި
އިސްރާއިލުން ޝަހީދުކޮށްލި ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ އަޙްމަދު ވިޝާޙް. ފޮޓޯ: އޭއެފްޕީ
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ޣައްޒާގައި މަރުވި ނޫސްވެރިންގެ އަދަދު ކަނޑައެޅުމުގައި ގެންގުޅޭ އުސޫލުތަކާ މެދު ސުވާލު އުފެއްދެވި ބޯޑު މެންބަރު ނިކާ ސޫން-ޝިއޮންގް އެ މަގާމުން ވަކިކޮށްފިއެވެ.
ޑްރޮޕް ސައިޓް ނިއުސްގެ ޕަބްލިޝަރުގެ ގޮތުގައި މަސައްކަތް ކުރައްވާ ސޫން-ޝިއޮންގް މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސޫން-ޝިއޮންގް ވިދާޅުވި ގޮތުގައި އޭނާ ބޯޑުން ވަކިކޮށްފައިވަނީ، ޣައްޒާގައި އިސްރާއީލުން މަރާލާފައިވާ ބައެއް ފަލަސްތީނު ނޫސްވެރިން ސީޕީޖޭގެ ލިސްޓުން އުނިކުރަން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ނަމަވެސް ސީޕީޖޭއިން ބުނެފައިވަނީ އޭނާގެ ފަސް އަހަރުގެ ދައުރު ޖޫން 2026 އަށް ހަމަވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ވަނީ ބޯޑުގެ އެހެން މެންބަރުންނަށް ފޮނުއްވި އީމެއިލްތައް އާންމުކުރައްވައި، ސީޕީޖޭގެ މި ނިންމުމަކީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ސޫން-ޝިއޮންގްގެ ކަންބޮޑުވުމަކީ، ހަމާސް ނުވަތަ އިސްލާމިކް ޖިހާދާ ގުޅުން އޮންނަ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ލިސްޓުން އުނިކުރުމަށް ސީޕީޖޭއިން ގެންގުޅޭ އާ އުސޫލެވެ. އޭނާ ސުވާލު އުފެއްދެވީ، އިސްރާއީލް ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ ނުވަތަ އިސްރާއީލް ސަރުކާރުގެ ފަންޑު ލިބޭ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާ މެދު މިފަދަ ފިޔަވަޅެއް ނާޅަނީ ކީއްވެގެންތޯއެވެ. "ޓެރަރިޒަމްގެ ތުހުމަތުތަކަކީ ނޫސްވެރިންގެ އަގުވައްޓާލުމަށް ސިޔާސީ ގޮތުން ބޭނުންކުރާ ހަތިޔާރެއް،" އޭނާ ލިޔުއްވާފައިވެއެވެ.
މި މައްސަލާގައި ސީޕީޖޭއިން ބުނީ، ހަނގުރާމަވެރި ޖަމާއަތްތަކުން ބައެއް ނޫސްވެރިންނަކީ އެމީހުންގެ ހަނގުރާމަވެރިން ކަމަށް ބުނެ އޮބިޗުއަރީތައް ޝާއިއުކުރުމާ ގުޅިގެން، މަރުވި ނޫސްވެރިންގެ ލިސްޓު މުރާޖައާ ކުރަމުންދާ ކަމަށެވެ. މިހާތަނަށް އެ ޖަމިއްޔާއިން ވަނީ 20 ނޫސްވެރިއަކު ލިސްޓުން އުނިކޮށްފައެވެ. ނަމަވެސް، ސީޕީޖޭއިން ބުނަނީ ނޫސްވެރިއަކު ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިނުވާ ނަމަ، އެމީހަކު މަސައްކަތް ކުރާ މީޑިއާއަކަށް ބެލުމެއް ނެތް ކަމަށެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ސީޕީޖޭއިން ނޫސްވެރިން މާނަކުރާ ގޮތް ބަދަލުކޮށް، ފަލަސްތީނާއި ލުބުނާނުގެ ނޫސްވެރިން ބާކީކުރަން އުޅޭ ކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. ސޫން-ޝިއޮންގް ވިދާޅުވީ މިއީ ޣައްޒާގައި އެންމެ ނުރައްކާތެރި ހާލަތުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ވެވޭ ހިޔާނާތެއް ކަމަށެވެ. މި މުރާޖައާގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވެއެވެ.