ޚަބަރު
އީރާނުގެ ރޫހީ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއިން މަންދޫބަކު ފޮނުވަނީ
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާއާއި އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ޖަނާޒާ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް އީރާނުން ކުރިން ނިންމި ނަމަވެސް، ސަރަހައްދީ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ޖަނާޒާގެ ކަންކަން ވަނީ ލަސްވެފައެވެ.
އީރާނުގެ ސަރުކާރުން މިހާރު ތާވަލުކޮށްފައިވާ ގޮތުން، ރަސްމީ އިއްޒަތުގައި ބާއްވާ މި ބޮޑު ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ފަށާނެއެވެ. އަދި އާޔަތުﷲ އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު ބާއްވާ ބޮޑު ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނަށާއި، ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ވަނީ ދައުވަތު ފޮނުވާފައެވެ. މިގޮތުން ދިވެހިރާއްޖެއަށް ލިބުނު ދައުވަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، އެ ދައުވަތު ރާއްޖެއިން ގަބޫލުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބަކު ފޮނުއްވާނެ ކަމަށެވެ.
މި ޖަނާޒާއަކީ ދުނިޔޭގެ ތާރީޚުގައިވެސް ރެކޯޑް އަދަދަކަށް މީހުން ބައިވެރިވާނެ ޖަނާޒާއަކަށް ވާނެ ކަމަށް ބެލެވޭއިރު، އިސްލާމީ އުންމަތުގެ ގިނަ އަދަދެއްގެ ލީޑަރުން މި ރަސްމިއްޔާތުން ފެނިގެންދާނެއެވެ.