ދުނިޔެ

ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލުން. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖޫން 2026، 04:00

29 ޖޫން 2026، 04:00

އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިނގައްޖެއެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ވަނީ 0.9 އިންސައްތަ މައްޗަށް ގޮސްފައެވެ. އޮގަސްޓް މަހަށް ޑެލިވަރީ ކުރާ ބްރެންޓް ފިއުޗާސްގެ އަގު މިހާރު ހުރީ ފީފާއަކަށް 73.21 ޑޮލަރުގައެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގަށްވުރެ 127 ސެންޓް އިތުރު އަދަދެކެވެ.

މާކެޓް އެނަލިސްޓެއް ކަމަށްވާ ފޭބިއަން ޔިޕް ވިދާޅުވި ގޮތުގައި، ތެލުގެ އަގު މިހާރު މައްޗަށް ދަނީ ހަނގުރާމަ ހުއްޓާލުމުގެ އުންމީދުގައި މާކެޓުން މާ އަވަހަށް އަމަލުކުރުމަށްފަހު، ހަގީގީ ހާލަތަށް ބަލައި އަގުތައް އަލުން ތަރުތީބުވަމުންދާތީއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވިޔަފާރި އުޅަނދުތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން މަސްރަހު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ހުކުރު އަދި ހޮނިހިރު ދުވަހު އީރާނަށް ހަމަލާތަކެއް ދީފައެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ. އީރާނުން ވަނީ މީގެ ރައްދުގައި ބަހުރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

މި ހަމަލާތަކާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ޖަޕާނުގެ ނިކޭ 225 އިންޑެކްސް 0.7 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 1.9 އިންސައްތަ ދަށަށް ގޮސްފައެވެ. ވަކިން ހާއްސަކޮށް ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

މި ހަމަލާތަކަށްފަހު، އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލައި ގަތަރުގެ ދޯހާގައި އަންގާރަ ދުވަހު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450