ދުނިޔެ

އައިސްގެ ޑިރެކްޓަރުގެ މަގާމަށް ލާންސް ޝްރޯޔާ އައްޔަންކުރަން ޓްރަމްޕް ނިންމައިފި

އައިސްގެ ޑިރެކްޓަރުގެ މަގާމަށް ލާންސް ޝްރޯޔާ އައްޔަންކުރަން ޓްރަމްޕް ނިންމައިފި

ޓްރަމްޕް އަދި ލާންސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 06:22

28 ޖޫން 2026، 06:22

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ ޑިރެކްޓަރުގެ މަގާމަށް އޮކްލަހޯމާގެ ކުރީގެ ސްޓޭޓް ޓްރޫޕަރެއް ކަމަށްވާ ލާންސް ޝްރޯޔާ ނޮމިނޭޓް ކޮށްފިއެވެ.

އައިސްއަކީ ޓްރަމްޕްގެ ސަރުކާރުން ރާވާފައިވާ ބޮޑު ޑީޕޯޓޭޝަން ކެމްޕޭން ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް އިދާރާއެވެ.

ޝްރޯޔާގެ ނަން ހުށައަޅަމުން ޓްރަމްޕް ވަނީ އޭނާގެ ލޯ އެންފޯސްމަންޓް ދާއިރާގެ 29 އަހަރުގެ ތަޖުރިބާއަށާއި، ޔޫއެސް މެރިންއެއްގެ ގޮތުގައި ކުރެއްވި ޚިދުމަތަށް ތައުރީފު ކޮށްފައެވެ. ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ބުނީ "ލާންސް ޝްރޯޔާ އަކީ ގަވާއިދާ ޚިލާފަށް އުޅޭ ކުށްވެރިންނާއި، މީހުން މަރާ މީހުންނާއި، ރޭޕް ކުރާ މީހުން އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ފުރިހަމަ ގާބިލުކަން ހުރި މީހެއް" ކަމަށެވެ.

ޝްރޯޔާ އަކީ ފެޑަރަލް އެޖެންސީއެއް ހިންގުމުގައި އާ މީހަކަށް ވުމުން، ކޮންގްރެސްގެ ކޮންފަރމޭޝަން ހިއަރިންގްގައި އޭނާގެ ތަޖުރިބާއާ މެދު ސުވާލު އުފެދޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ ޝްރޯޔާގެ މަސައްކަތުގެ ތަޖުރިބާއަށް ބާރުދީފައެވެ. މުލިން ބުނި ގޮތުގައި ޝްރޯޔާ ވަނީ އޮކްލަހޯމާގައި 287ޖީ ޕްރޮގްރާމްގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ މީހުން ބޭރުކުރުމުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ.

ޝްރޯޔާ މި މަގާމަށް އައްޔަން ކުރެވިއްޖެނަމަ، އޭނާ ވެގެންދާނީ ފާއިތުވި 11 އަހަރު ތެރޭގައި ސެނެޓުން ރުހުން ލިބިގެން އައިސްގެ ޑިރެކްޓަރުކަމާ ހަވާލުވާ ފުރަތަމަ ބޭފުޅާއަށެވެ. 2017 ވަނަ އަހަރު ބަރަކް އޮބާމާގެ ދައުރު ނިމުނު ފަހުން، މި އެޖެންސީ ހިންގަމުން އައީ ވަގުތީ ޑިރެކްޓަރުންނެވެ. މިހާރު މި މަގާމުގައި ހުރީ ވަގުތީ ޑިރެކްޓަރު ޑޭވިޑް ވެންޗުރެއްލާއެވެ.

އައިސްގެ މަސައްކަތްތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި އައްޔަންކުރުން އައިއިރު، މި އަހަރުގެ ތެރޭގައި އެ އެޖެންސީގެ ބެލުމުގެ ދަށުގައި ތިއްބާ 19 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، އައިސްގެ އޮފިސަރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ޓްރަމްޕް ވަނީ ސެނެޓުން ލަސްނުކޮށް ޝްރޯޔާއަށް ރުހުން ދިނުމަށް ގޮވާލައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450