ޚަބަރު
އެމްއެސްއެމްއީ ފެސްޓަކީ ޒުވާން ވިޔަފާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ސައީދު
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ފޮޓޯ: އެކްސްޕޯ މޯލްޑިވްސް
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ނުވަތަ އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދީ، ވިޔަފާރިކުރަން ބޭނުންވާ ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު މުހިންމު ހަރަކާތްތަކެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މި ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން ހިންގި ހަރަކާތްތައް ނިންމާލުމަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.
މި ދުވަހުގެ މުނާސަބަތުގައި "އެމްއެސްއެމްއީ ފެސްޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދިޔަ މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލެއް ބަހައްޓައި، ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުނު މި ހަރަކާތްތަކުގެ ތެރެއިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ޚިޔާލުތައް ހުށަހެޅުމާއި، ކުރިއަށްދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި މިއީ މިފަދަ މަސައްކަތްތަކުގެ ފެށުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ ހުރިހާ މަސައްކަތެއް ގޮސް މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި ވިޔަފާރިތަކަށް ދެއްވާ ސަޕޯޓަށް. ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގެންގުޅުއްވާ 'މޯލްޑިވްސް 2.0' ސިޔާސަތަށް. ދާދިފަހުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ފަހިވެގެން ދިއުމަކީވެސް މި ޕްރޮޖެކްޓުގެ ތެރެއިން ކުރެވޭ މަސައްކަތެއް،
ވަޒީރު
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކްރިއޭޓިވް އިކޮނޮމީއާއި، ޑިޖިޓަލައިޒޭޝަންގެ އެހީގައި ބައިނަލްއަޤްވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކަށް ދިވެހި ޒުވާނުންގެ އުފެއްދުންތައް ނެރެ، އެ ތަކެތިން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.