ސައިންސް / ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު "ޕާޓިކަލް އެކްސެލެރޭޓަރ" ހަތަރު އަހަރަށް ބަންދުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު "ޕާޓިކަލް އެކްސެލެރޭޓަރ" ހަތަރު އަހަރަށް ބަންދުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު "ޕާޓިކަލް އެކްސެލެރޭޓަރ"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 10:43

28 ޖޫން 2026، 10:43

ސްވިޒަލޭންޑާއި ފްރާންސް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ފިޒިކްސް ލެބޯޓްރީ ކަމަށްވާ "ސާން"  އިން، އެތަނުގެ އެންމެ ބާރުގަދަ މެޝިން ކަމަށްވާ ލާޖް ހެޑްރަން ކޮލައިޑާ  ގެ މަސައްކަތްތައް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މެޝިންގެ މަސައްކަތްތައް ހުއްޓާލީ، އޭގެ ގާބިލުކަން އިތުރުކޮށް، "ޑާކް މެޓާ" ނުވަތަ ކާއިނާތުގެ ނުފެންނަ މާއްދާތަކާ ގުޅޭ ސިއްރުތައް ހޯދުމަށް މަގުފަހިކުރުމަށްޓަކައި ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. ޖެނީވާގެ ކައިރީގައި ބިމުގެ 100 މީޓަރު އަޑީގައިވާ 27 ކިލޯމީޓަރުގެ ދިގު މި ބޮޑު ބިންގަރާހަކީ، މީގެ ކުރިން "ގޯޑް ޕާޓިކަލް" ގެ ނަމުން މަޝްހޫރުވި "ހިގްސް ބޯސަން" ހޯދުމަށް ބޭނުންކުރި މެޝިނެވެ.

މި މަޝްރޫއުގެ ވެރިޔާ މާކަސް ޒަރލައުތު ވިދާޅުވި ގޮތުގައި، މިއީ ފިޒިކްސްގެ ދާއިރާއިން ޖަވާބު ނުލިބި ހުރި ގިނަ ސުވާލުތަކަކަށް ޖަވާބު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަރާމާތަށްފަހު، މި މެޝިންގެ ނަން "ހައި ލޫމިނޮސިޓީ އެލް.އެޗް.ސީ" (HL-LHC) އަށް ބަދަލުވެގެންދާނެއެވެ. އަދި 2030 ވަނަ އަހަރުގެ ޖޫން މަހު އަލުން އޮޕަރޭޝަނަށް އަންނައިރު، ޕާޓިކަލްތައް އެކަތި އަނެކައްޗާ މައުލޫމާތު ފޯރުކުރާ މިންވަރު 10 ގުނަ އިތުރުވެގެންދާނެއެވެ.

މި ބޮޑު އަޕްގްރޭޑަށް ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. މި ހޭދަ ހަމަޖައްސަނީ ސާންގެ މެންބަރު ގައުމުތަކުގެ ފީގެ އިތުރުން އެމެރިކާ، ޖަޕާން، ކެނެޑާ އަދި ޗައިނާ ފަދަ ގައުމުތަކުގެ އެހީގައެވެ. މި މަސައްކަތުގެ ދަށުން 27 ކިލޯމީޓަރުގެ ބިންގަރާހުގެ 1.2 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުރި އާލާތްތައް މުޅިން އަލަށް ބަދަލުކުރެވޭނެއެވެ.

އައު ބަދަލުތަކާއެކު، ސިކުންތަކު އެތައް ބިލިއަން ހިގްސް ބޮސޯން އުފެދޭނެތީ، އެ ހުރިހާ މައުލޫމާތެއް ރައްކާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އެންމެ މުހިންމު މައުލޫމާތުތައް ދެނެގަތުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (AI) ސިސްޓަމްތައް ބޭނުންކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި އޭއައި އަކީ ހަމައެކަނި އެހީތެރިވެދޭ ވަސީލަތެކެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އަހަރެމެންނަށް ފެންނަން ހުރި ތަރިތަކާއި ޕްލެނެޓްތައް ފަދަ މާއްދާތަކަކީ މުޅި ކާއިނާތުގެ އެންމެ 5 އިންސައްތައެވެ. ބާކީ ހުރި ބައިތަކަކީ "ޑާކް މެޓާ" އާއި "ޑާކް އެނާޖީ" އެވެ. މި އައު އަޕްގްރޭޑާއެކު، ކާއިނާތް އުފެދުނު ގޮތާއި، ބިގް ބޭންގްގެ ފަހުން ކަންތައްތައް ހިނގާދިޔަ ގޮތުގެ އިތުރު ތަފުސީލުތައް ހޯދޭނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450