Ads by Farudhun

ޚަބަރު

ޕޭޕަލް ޚިދުމަތަށް ސަރުކާރުން ނޫނީ އުރީދޫއަކުން އެއްވެސް ފީއެއް ނުނަގާ

ޕޭޕަލް ޚިދުމަތަށް ސަރުކާރުން ނޫނީ އުރީދޫއަކުން އެއްވެސް ފީއެއް ނުނަގާ

ޕޭޕަލްގެ އޮފީހެއް / ފޮޓޯ: ޝަޓަރސްޓޮކް

27 ޖޫން 2026، 06:53

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ނުވަތަ ޚިދުމަތް ދޭ ކުންފުނި، އުރީދޫއިން އެއްވެސް ފީއެއް ނުނަގާނެ ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ނޫސްވެރިއަކު ވިދާޅުވީ، ޕޭޕަލްއިން ޕްރޮސެސިން ފީތަކެއް ނަގަމުންދާކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވޭކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިޔާ ވަނީ ސުވާލުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ޕޭޕަލް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުން ނަގާ ޕްރޮސެސިން ފީއަކީ ސީދާ ޕޭޕަލްއިން ނަގާ ފީތަކެއް ކަމަށެވެ. އެގޮތުން ޕޭޕަލްއިން ދެ ބާވަތެއްގެ ފީއެއް ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ ކަމަކަށް، ކޮންމެ ޓްރާންސެކްޝަނަކުން "ޓްރާންސެކްޝަން ފީ"ގެ ގޮތުގައި 1 ޑޮލަރު 50 ސެންޓު ނަގައެވެ. މި ފީއަކީ 1 ޑޮލަރުގެ މުއާމަލާތަކަށް ވިޔަސް، ނުވަތަ 1000 ޑޮލަރުގެ މުއާމަލާތަކަށް ވިޔަސް އެއްވަރަކަށް ނަގާ ފިކްސްޑް ފީއެކެވެ. މީގެ އިތުރުން، ދެވަނަ ފީއެއްގެ ގޮތުގައި މުއާމަލާތް ކުރާ ޖުމްލަ އަދަދުގެ 2 އިންސައްތަ ޕޭޕަލްއިން ނަގާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ޕޭޕަލްއިން އެހެން ގައުމުތަކުގައި ނަގާ ފީތަކަށް ބަލާއިރު، މިއީ ބޮޑު އަދަދެއް ނޫން ކަމަށާއި، މި އަދަދުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ޚިދުމަތްދޭ ފަރާތުން އިތުރު ފީތަކެއް ނެގި ނަމަވެސް، ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އުރީދޫއިން އެއްވެސް އިތުރު ފީއެއް ނުނަގާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

މި ފީތަކަކީ ޕޭޕަލްގެ އަމިއްލަ އުސޫލުތަކުގެ ދަށުން ނަގާ ފީތަކެއް ކަމަށްވާތީ، އެ ފީތައް ކުޑަކުރުމުގެ އެއްވެސް އިހުތިޔާރެއް ސަރުކާރުގެ ނޯންނާނެ ކަމަށްވެސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފެށިގެން ދިއުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މާކެޓުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450