ދުނިޔެ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކަށަވަރުކުރުމަށް އައިއޭއީއޭ އިން ވަރުގަދަ ނިޒާމަކަށް އެދިއްޖެ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކަށަވަރުކުރުމަށް އައިއޭއީއޭ އިން ވަރުގަދަ ނިޒާމަކަށް އެދިއްޖެ

އައިއޭއީއޭގެ އޮފީސް. ފޮޓޯ: ބީބީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖޫން 2026، 06:22

26 ޖޫން 2026، 06:22

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އިސްވެރިޔާ ރަފައެލް ގްރޮސީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މޮނިޓަރ ކުރުމަށްޓަކައި ވަރުގަދަ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

 ހުކުރު ދުވަހު ވާހަކަދައްކަވަމުން ގްރޮސީ ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމަކީ އެމެރިކާއާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ މައިގަނޑު މަގްސަދުކަން ފާހަގަކުރައްވައި، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ފުރިހަމަ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ.

އީރާނުން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް ގްރޮސީ ވިދާޅުވީ "އީރާނުގެ ސަރުކާރުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށް ސާފުކޮށް ބުނި ނަމަވެސް، ހަމައެކަނި ނިޔަތަކުން ނުފުދޭ" ކަމަށެވެ. އަދި ޔަގީންކަން ހޯދުމަށްޓަކައި ވީހާވެސް އަވަހަކަށް ވަރުގަދަ ވެރިފިކޭޝަން ނިޒާމެއް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ޖޫން މަހު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު، އެ ތަންތަން ބަލައި ފާސްކުރުމަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ބޮޑު ހިޔާލުތަފާތުވުމެކެވެ. އީރާނުން މިދިޔަ އަހަރު އައިއޭއީއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށްފަހު، ސެޕްޓެމްބަރު މަހު އަލުން އިންސްޕެކްޓަރުންނަށް ފުރުސަތު ދޭން އެއްބަސްވި ނަމަވެސް، ހަމަލާދިން މަރުކަޒުތަކަށް ވަނުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނުން އެންމެ މަތީ ފަންތީގެ އިންސްޕެކްޝަންތަކަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އދ. ގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދެވޭނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަމަލީ ގޮތުން އުވާލުމުން ކަމަށެވެ.

ގްރޮސީ ވަނީ ދެ ގައުމުގެ ދެމެދުގައި "ބަޔާންތަކުގެ ހަނގުރާމައެއް" ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ދެ ގައުމުން ސޮއިކޮށްފައިވާ ފަހުމުނާމާގައި ނިއުކްލިއާ ކަންކަން އައިއޭއީއޭ އިން ސުޕަވައިޒް ކުރާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ޓެކްނިކަލް މަސައްކަތްތައް ވަނީ ފެށިފައި، އަދި ވަރަށް އަވަހަށް އެތަނަށް ދެވޭނެ ކަމަށް އުއްމީދު ކުރަން،" ގްރޮސީ ވިދާޅުވިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއި ޖީސީސީ ގައުމުތަކުން ކުރާ ތުހުމަތުތައް އަލުން ދޮގުކޮށްފައެވެ. އީރާނުން ބުނީ މި ތުހުމަތުތަކަކީ އެމެރިކާ އާއި އިސްރާއީލުން ހަދައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށާއި، މުޅި ހުޅަނގު އޭޝިއާއަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450