ޚަބަރު
ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް: ހުކުރު ޚުޠުބާ
ހުކުރު މިސްކިތް
ދަރީންނަކީ މާތް اللهް އިންސާނުންނާ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީ، އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، އެ ޙަވާލުކުރެވިފައިވާ އަމާނާތަށް އެވަނީ ޚިޔާނާތްތެރިވެފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އަމާނާތްތަކަށް ރައްކާތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި އަމާނާތުގެ މާނަ މާ ތަނަވަސްވެފައި ފުޅާ ކަމަށާއި، އޭގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ކަމެއް ހިމެނޭ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
މިގޮތުން އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކަކީ ވެސް އަމާނާތެއްކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ލޮލުން ޙަރާމް ތަންތަނަށް ނުބެލުމަށާއި، ކަންފަތުން ޙަރާމް އަޑުތައް ނޭހުމަށާއި، ދުލުން މީހުންގެ އަބުރު ކަތިލައި ޣީބަބުނެ ނެތިމޮށި ނޫޅުމަށް ނަޞޭޙަތްތެރިވާ ކަމަށެވެ. އަދި ދޮގުހެދުމުން ދޫ ރައްކާތެރިކުރުމަކީ އަމާނާތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަން މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގޭގެ ވާރުތަވެރީންގެ ސިފައެއް ކަމަށެވެ. "މިކަމުގެ ބޮޑުކަން ތިޔަބައިމީހުންނަށް ތަޞައްވުރުކުރެވޭހެއްޔެވެ؟ އުޑުތަކުގެ އުސްކަމާއި، ބިމުގެ ތަނަވަސްކަމާއި، ފަރުބަދަތަކުގެ ބިޔަކަމާއެކު ވެސް އެ ކަމަށް އިންކާރުކޮށް ބިރުވެތިވިއެވެ. ނަމަވެސް ބަލިކަށި އިންސާނާ އެ އަމާނާތް އުފުލުމާ ޙަވާލުވިއެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާއަކީ ވެސް ބޮޑުވެގެންވާ އަމާނާތެއްކަން ފާހަގަކުރައްވައި، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ ބޮޑުވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީއެވެ.
ހަމައެއާއެކު، އަދާކުރާ ވަޒީފާއާއި ވަޒީފާގެ ވަގުތުތަކަކީ ވެސް އަމާނާތެއް ކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމަށް ވިދާޅުވިއެވެ. އަދި ޤުދުރަތީ ވެށްޓާއި ތިމާވެއްޓަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރަން ޖެހޭ އަމާނާތެއް ކަމަށާއި، ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ.