ދުނިޔެ
މަރާމާތަށްފަހު ރަސްގެފާނު ޗާލްސް ބަކިންހަމް ޕެލަސްއަށް ދިރިއުޅުން ބަދަލުނުކުރައްވަން ނިންމަވައިފި
ބަކިންހަމް ޕެލަސް
އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްގެ 10 އަހަރު ދުވަހުގެ ބޮޑު މަރާމާތުގެ މަސައްކަތް އަންނަ އަހަރު ނިމުނު ނަމަވެސް، ރަސްގެފާނު ޗާލްސް ތިނެއް އެ ގަނޑުވަރަށް ދިރިއުޅުން ބަދަލުނުކުރައްވާނެކަން ޝާހީ އޮފިޝަލުން ހާމަކޮށްފިއެވެ.
މިއީ 1837 ވަނަ އަހަރު ރާނީ ވިކްޓޯރިއާގެ ރަސްކަމުން ފެށިގެން، އިނގިރޭސި ރަސްކަލުންގެ މައިގަނޑު ދިރިއުޅުއްވާ ތަނެއްގެ ގޮތުގައި ބަކިންހަމް ޕެލަސް ބޭނުންކުރަމުން އައި ގާތްގަނޑަކަށް 200 އަހަރުވީ އާދަކާދައަށް އަންނަ ބޮޑު ބަދަލެކެވެ.
މިކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އޮފިޝަލުން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، ރަސްގެފާނު ޗާލްސް ނިންމަވާފައިވަނީ މިހާރުވެސް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ "ކްލެރެންސް ހައުސް" ގައި ދާއިމީކޮށް ދިރިއުޅުއްވުމަށެވެ. ބަކިންހަމް ޕެލަސްގެ 369 މިލިއަން ފައުންޑްގެ މަރާމާތުގެ މަޝްރޫޢަކީ އެ ގަނޑުވަރުގެ ބާވެފައިވާ ކަރަންޓު ވަޔަރިންގާއި، ހޮޅިތަކާއި ހީޓިންގ ސިސްޓަމް ބަދަލުކުރުމަށް 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ.
މީގެ އިތުރުން، ޝާހީ އާއިލާގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ރަސްގެފާނު 2024/25 ވަނަ އަހަރު 12.9 މިލިއަން ފައުންޑް (17.04 މިލިއަން ޑޮލަރު) ޓެކްސްގެ ގޮތުގައި ދައްކަވާފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ. މިއީ ރަސްގެފާނު ދެއްކެވި ޓެކްސްގެ އަދަދު މިގޮތަށް އާންމުކުރި ފުރަތަމަ ފަހަރެވެ. މި އަދަދާއެކު އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ އިނގިރޭސިވިލާތުގައި އެންމެ ގިނައިން ޓެކްސް ދައްކާ 100 މީހުންގެ ތެރޭގައެވެ.
ރަސްގެފާނުގެ ޚަޒާންދާރު ޖޭމްސް ޗާމާސް ވިދާޅުވީ، ބަކިންހަމް ޕެލަސް ދިރިއުޅޭ ތަނެއްގެ ގޮތުގައި ބޭނުން ނުކުރި ނަމަވެސް، އެތަން ދެމިއޮންނާނީ ޝާހީ އާއިލާގެ މައި މަރުކަޒުގެ ގޮތުގައެވެ. ބޭރުގެ އިއްޒަތްތެރިންނާ ބައްދަލުކުރުމާއި، ރަސްމީ ބޮޑެތި ހަފުލާތައް ކުރިއަށްދާނީ އެ ގަނޑުވަރުގައެވެ.
މިއީ އަދިވެސް ރަސްކަމުގެ މައި މަރުކަޒު. ރަސްގެފާނު ލަންޑަންގައި ހުންނަވާ ކޮންމެ ވަގުތަކު ގަނޑުވަރުގެ ފުރާޅުމަތީގައި ޝާހީ ދިދަ ވިހުރެމުންދާނެ،
ޗާމާސް
ރަސްގެފާނު ޗާލްސްއާއި ކުރީގެ ރާނީ އެލިޒަބަތު ވެސް 2019 ވަނަ އަހަރުގެ ފަހުން އެ ގަނޑުވަރުގައި ރޭގަނޑު މަޑުކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މަރާމާތަށްފަހު ރަސްގެފާނު ބޭނުންފުޅުވެލައްވާ ހާލަތްތަކުގައި މަޑުކުރެއްވުމަށް ޚާއްޞަ ކޮޓަރިކޮޅުތަކެއް އެތަނުގައި ހުންނާނެއެވެ.
އަހަރަކު ގާތްގަނޑަކަށް 700,000 މީހުން ޒިޔާރަތްކުރާ ބަކިންހަމް ޕެލަސްއަށް، ކުރިއަށް އޮތް ތަނުގައި އާންމުންނަށް ވަނުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ފުޅާކުރައްވާނެ ކަމަށް ވެސް ޝާހީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.