ޚަބަރު
ރައްޔިތުންނާ ވަކިން ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް ޑރ. މުއިއްޒު ހުޅުވާލައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަކިން ބައްދަލުކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރައްވައިފިއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު، ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަވަމުންދާ ކަމަށެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ރައްޔިތުން މަޖިލީހުގެ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުންވެސް ވަކި އަދަދެއްގެ ރައްޔިތުންނާ ބައްދަލުވާނެ ގޮތަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާފާނެއެވެ.
މިސާލަކަށް މިއަދު އޮންނާނީ މާފަންނު އުތުރު ދާއިރާގެ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ވަގުތު އޮންނަ ވަރަކުން، އުސޫލުގެ ތެރެއިން ފުރުސަތު ލިބިގެންދާ އެންމެނާ ބައްދަލުކުރުން. ދެން އަންނަ ދުވަހު އަނެއް ދާއިރާ. މިހެން ގޮސް 93 ދާއިރާ ނިމޭނީ ލައްކަ ދުވަހުން،
ރައީސް ވިދާޅުވިއެވެ.
މި އުސޫލުގެ ދަށުން ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާ ބައްދަލުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ގިނަ ބަޔަކަށް އެމީހުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ކައުންސިލްތަކުގެ އިތުރުން، އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެންމެ ގިނައިން ހުށަހެޅޭ ޝަކުވާތަކަކީ ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ބައްލަވާ ކަމަށާއި، ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކޮށްވެސް ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑާ ހަމައަށް އައިސް، އަޅުގަނޑުގެ އަތަށް އައި ރިކުއެސްޓެއް، އެދިފައި އޮތް ކަމަކަށް ބެލިފައި ނޫނީ ގޮތެއް ހޯދައި ނުދެވި އޮންނާނެ ހެން އަޅުގަނޑަކަށް ހީނުވޭ،
ރައީސް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރައީސް ޑރ. މުއިއްޒު ވަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ރައްޔިތުންގެ އަޑުއަހާ ވެރިކަމެއް ކުރުން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.