ކިހިނެއް / ކުޅިވަރު / ރިޕޯޓް

މެސީ އާއި ރޮނާލްޑޯ: ޒަމާނެއް ބަދަލުކޮށްލި ވާދަވެރިކަން، މިއީ ހަނގުރާމައެއް ނޫން

މެސީ އާއި ރޮނާލްޑޯ: ޒަމާނެއް ބަދަލުކޮށްލި ވާދަވެރިކަން، މިއީ ހަނގުރާމައެއް ނޫން

ރޮނާލްޑޯ އަދި މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 05:09

25 ޖޫން 2026، 05:09

ކޮންމެ ކުޅިވަރެއްގައިވެސް އެ ކުޅިވަރެއްގެ ތާރީޚު އުޖާލާކޮށްދޭ ރަންޒަމާންތަކަކާއި، ޚާއްޞަ ވަގުތުތަކެއް ފާހަގަކުރެވެއެވެ. އަދި އެ ޒަމާނެއްގެ މިންގަނޑުތައް މުގުރާލާ ފަދަ އާދަޔާޚިލާފު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެންދެއެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދުނިޔޭގެ ފުޓުބޯޅައިގެ ތަޚުތުގައި ރަސްކަން ކުރަމުން އައީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އެންމެ ބޮޑަށް ބަހުސްކުރެވުނު ސުވާލަކީ "މެސީ ހެއްޔެވެ؟ ނޫނީ ރޮނާލްޑޯ ހެއްޔެވެ؟" މި ސުވާލެވެ. ސަޕޯޓަރުންގެ މެދުގައި ކިތަންމެ ބޮޑު ބަހުސްތަކެއް ހިނގި ނަމަވެސް، ގިނަ ބަޔަކަށް އޮޅިފައިވާ އެއް ކަމެއް އެބައޮތެވެ. އެއީ މެސީ އާއި ރޮނާލްޑޯގެ މެދުގައި ދުވަހަކުވެސް އަމިއްލަ ޒާތީ "ހަނގުރާމައެއް" ނުވަތަ ރުޅިވެރިކަމެއް ނެތް ކަމެވެ. އެމީހުންގެ މެދުގައި އޮތީ ކުޅިވަރުގެ ތާރީޚު ދުށް އެންމެ ފުރިހަމަ، އެންމެ ވަރުގަދަ ވާދަވެރިކަމެވެ.

އެއް ފަރާތަކުން ފެނިގެންދަނީ އާޖެންޓީނާގެ ރޮސާރިއޯއަށް އުފަން، ދަނޑުމަތީގައި ބުނެދޭން ނޭނގޭ ފަދަ ތަފާތު ކުޅުމެއް ދައްކުވައިދޭ ހިމޭން "ޖީނިއަސް" އެކެވެ. އަނެއްކޮޅުން ފެންނަނީ ޕޯޗުގަލްގެ މެޑެއިރާގެ އެންމެ އުސްމިންތަކަށް ވާޞިލްވުމަށް ކެނޑިނޭޅި ގަދައަޅާ މަސައްކަތްކުރާ، ފުރިހަމަކަމަށް ލޯބިކުރާ "ޕާފެކްޝަނިސްޓް" އެކެވެ. މި ދެ ކުޅުންތެރިންގެ މެދުގައި އުފެދުނު ވާދަވެރިކަމަކީ ފުޓުބޯޅައިގެ ދިގު ތާރީޚުގައިވެސް މިހާތަނަށް ފެނިފައިނުވާ ފަދަ ފުރިހަމަ އަދި އެހާމެ ފޯރިގަދަ ކުރިމަތިލުންތަކެކެވެ.

ދެ ޝަޚްޞިއްޔަތެއްގެ ވާހަކަ

ފުޓުބޯޅައިގެ ތާރީޚަށް ބަލާއިރު ޕެލޭ، މަރަޑޯނާ، ކްރައިފް އަދި ޒިދާން ފަދަ ލެޖެންޑުންނަކީ ފާހަގަކޮށްލެވޭ ތަރިންނެވެ. ނަމަވެސް، އެއް ޒަމާނެއްގައި، އެއް ފެންވަރެއްގައި، މިހާ ދިގު މުއްދަތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އުހުގައި ރަސްކަންކުރި ދެ ކުޅުންތެރިންނެއް މީގެ ކުރިން ފެނިފައެއް ނުވެއެވެ.
މެސީ ބާސެލޯނާގެ "ލަ މާސިއާ" އެކަޑަމީން އުުފެދި، ފުޓުބޯޅައިގެ އުދަރެހުން ވިދާލިއިރު، ރޮނާލްޑޯ ދިޔައީ މެންޗެސްޓަރ ޔުނައިޓެޑުގައި ދުނިޔޭގެ ފެންވަރުގެ ވިދުންގަދަ ތަރިއަކަށް ބަދަލުވަމުންނެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އިންތިހާއަށް ގަދަވެގެންދިޔައީ 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން ކޮންމެ "އެލް ކްލަސިކޯ" އަކީ ހަމައެކަނި ދެ ކްލަބެއްގެ މެދުގައި ކުޅެވޭ މެޗެއް ނޫނެވެ. އެއީ މުޅި ދުނިޔެ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ، ފުޓުބޯޅައިގެ ބޮޑު އީދަކަށް ވެގެންދިޔައެވެ.

ފަންނުވެރިކަމާއި ކުޅިވަރުގެ ފުރިހަމަކަން

މި ދެ ކުޅުންތެރިންގެ ކިބައިގައި ހުރި ތަފާތު ސިފަތަކަކީ، އެމީހުންގެ ވާދަވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައިދިން މުހިންމު ސަބަބެކެވެ. މެސީގެ ކުޅުމުން ފެނިގެންދަނީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ އާދަޔާޚިލާފު މޮޅު ހުނަރެވެ. ދިފާޢީ ކުޅުންތެރިންގެ ތެރެއިން އޭނާ ބޯޅަ ހިފައިގެން ދެމިގަންނަނީ އެއްވެސް އުނދަގުލެއް ނެތި، ނުހަނު ފަސޭހަކަމާއެކުގައެވެ. އޭނާގެ ދުރުވިސްނުމާއި ބޯޅަ ކޮންޓްރޯލްކުރުމުގެ ހުނަރަކީ ޚިޔާލީ ތަޞައްވުރެއް ޙަޤީޤަތަކަށް ބަދަލުކޮށްލުން ފަދަ އާދަޔާޚިލާފު ކަމެކެވެ.

އަނެއްކޮޅުން، ރޮނާލްޑޯއަކީ ބާރުގަދަ ކުޅުމާއި، އަމާޒަށް ވާޞިލްވުމުގެ އަޒުމާއި، ބުރަ މަސައްކަތުގެ މިސާލެކެވެ. އޭނާގެ ކޮންމެ ހަރަކާތަކާއި އުކުޅަކުން ފެނިގެންދަނީ އެތައް ހާސް ގަޑިއިރެއްގެ  ބުރަ މަސައްކަތުގެ ނަތީޖާއެވެ. މެސީއަކީ ލިބިފައިވާ ފަންނުވެރިކަމުގެ ބޭނުން ހިފާ ކުޅުންތެރިއަކަށް ވާއިރު، ރޮނާލްޑޯއަކީ އަމިއްލަ ނަފްސު ވަރުގަދައަށް ތަރުބިއްޔަތުކޮށްގެން އެންމެ އުސް ހަރުފަތަށް ވާޞިލްވި ކުޅުންތެރިއެކެވެ. 

މިންގަނޑުތައް މަތިކުރުން

މި ދެ ކުޅުންތެރިންގެ ސަބަބުން ފުޓުބޯޅައިގެ މިންގަނޑުތަކަށް އިންގިލާބީ ބަދަލުތަކެއް އައެވެ. ކުރިން މުގުރާނުލެވޭނެ ކަމަށް ގަބޫލުކުރެވުނު ތާރީޚީ ރެކޯޑުތަކަކީ މިހާރު އާދައިގެ ކަންކަމަށް ވެގެންގޮސްފައިވެއެވެ. އެގޮތުން ސީޒަނެއްގައި 40 ގޯލު ހަމަކުރުމަކީ މި ދެ ކުޅުންތެރިންގެ ފަރާތުން އާންމުކޮށް ފެންނަ، އާދައިގެ ކަމަކަށް ވެގެންދިޔައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ "ބެލޮންޑޯ" އެވޯޑަކީ ހަމައެކަނި މި ދެ ނަމުގެ މެދުގައި އެނބުރޭ ޝަރަފަކަށް ވެގެންދިޔައެވެ. އެކަކު ކުރިމަތިކުރުވާ ގޮންޖެހުންތަކަށް އަނެކަކު ރައްދުދެނީ، އޭގެ ކުރީ މެޗަށްވުރެ މާ ފުރިހަމަ އަދި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކުވައިދީގެންނެވެ.

ވާދަވެރިކަމަށްވުރެ ބޮޑު އިޙްތިރާމެއް

މީޑިއާތަކުން މި ދެ ކުޅުންތެރިންގެ މެދުގައި ނަފްރަތާއި ހަސަދަވެރިކަން އޮންނަކަމަށް ދައްކަން މަސައްކަތްކުރި ނަމަވެސް، ޙަޤީޤަތަކީ އެކަކު އަނެކަކަށްޓަކައި އެމީހުންގެ ހިތުގައި އޮންނަ ފުން އިޙްތިރާމެވެ. ދަނޑުމަތީގައި ނުހަނު ވާދަވެރި ނަމަވެސް، ދަނޑުން ބޭރުގައި އެ ދެމީހުންގެ މެދުގައި އޮންނަނީ އެކުވެރިކަމާއި އޯގާތެރިކަމެވެ. އެހާ މަތީ ފަންތިއެއްގައި ދެމިހުރުމަށްޓަކައި ކުރަންޖެހޭ ތަޖުރިބާތަކާއި އުފުލަންޖެހޭ ބުރަ މަސައްކަތް، އެ ދެމީހުން ފިޔަވައި އެހެން މީހަކަށް އެންމެ ފުރިހަމައަށް އިޙްސާސް ނުކުރެވޭނެކަން އެ ދެ ކުޅުންތެރިންވެސް ޤަބޫލުކުރެއެވެ.

އާންމުކޮށް މީހުން ގަބޫލުކުރާ ގޮތާ ޚިލާފަށް، މެސީ އާއި ރޮނާލްޑޯގެ މެދުގައި އެއްވެސް ކަހަލަ ޒާތީ ހަސަދަވެރިކަމެއް ނެތްކަން އެ ދެ ކުޅުންތެރިން ވެސް ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ. މެސީ ފާހަގަކުރާ ގޮތުގައި އެމީހުންގެ މެދުގައި އޮތީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި އޮންނަ ފަދަ ދުޅަހެޔޮ ވާދަވެރިކަމެކެވެ. ރޮނާލްޑޯ ވެސް ބުނެފައިވާ ގޮތުގައި، އެއީ ގާތް ރަހުމަތްތެރިން ކަމުގައި ނުވި ނަމަވެސް، އެކަކު އަނެކަކަށް އޮންނަ އިހުތިރާމް ނުހަނު ބޮޑެވެ. ދާދި ފަހުން މެސީ ފާހަގަކުރި ގޮތުގައި، އެ ދެމެދުގައި އޮތީ ބަދަހި އިހުތިރާމާއި އެކަކު އަނެކަކުގެ ކާމިޔާބީތައް ބަލައިގަތުމުގެ ރީތި ގުޅުމެކެވެ.

ލަނޑުތަކާއި ކާމިޔާބީ

އެ ދެ ކުޅުންތެރިން ކާމިޔާބުކޮށްފައިވާ އެތައް ސަތޭކަ ލަނޑުތަކާއި، އުފުލާލާފައިވާ ގިނަގުނަ ތަށިތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެކެވެ. އެމީހުންގެ ޙަޤީޤީ ކާމިޔާބީއަކީ މުޅި ދުނިޔޭގެ އެތައް މިލިއަން ކުޑަކުދިންނަށް ދީފައިވާ އުންމީދާއި ހިތްވަރެވެ. މެސީ ފަދައިން ހުނަރުވެރިކަމާއެކު ބޯޅަ ހިފައިގެން ދުވަން ބޭނުންވާ ކުދިންނާއި، ރޮނާލްޑޯ ފަދައިން ޖޯޝާއެކު އުފާފާޅުކުރަން ބޭނުންވާ ކުދިން މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅަކުންވެސް ފެންނަން އެބަތިއްބެވެ. މި ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ ފުޓުބޯޅަ ސަގާފަތުގެ ވަކިނުކުރެވޭނެ މުހިންމު ބައެއްގެ ގޮތުގައި ތާރީޚުގައި ނަން ފަވާފައެވެ.

ޒަމާނެއްގެ ނިމުން

މިއަދު މި ދެ ލެޖެންޑުންގެ ފުޓުބޯޅަ ކެރިއަރު ނިމުމަކާ ގާތްވަމުންދާއިރު، މުޅި ފުޓުބޯޅަ ދުނިޔެ މިވަނީ އެ ރަންޒަމާނުގެ ފޮނި ހަނދާންތަކުން އުދަރެސް އުޖާލާވެފައެވެ. އަންނަން އޮތް ޖީލުތަކުން އެމީހުންގެ އާދަޔާޚިލާފު ރެކޯޑުތަކާއި ކުޅުމުގެ ވީޑިއޯތައް ބަލައި އަންތަރީސްވާނެއެވެ. ނަމަވެސް، އެމީހުންގެ ކުޅުން ވަގުތުން ފެނުމުގެ ނަސީބު ލިބުނު މީހުންގެ ހިތްތަކުގައި އަބަދުވެސް ބަދަލެއްނެތި ބިނާވެފައި އޮންނާނީ އެ ދެ ތަރިން ދަނޑުމަތީގައި ދެއްކި ޖާދޫއެވެ.

ލިއޮނަލް މެސީގެ ފަންނުވެރިކަމާއި، އޭނާ ހޯދާފައިވާ ބައިނަލްއަޤުވާމީ ކާމިޔާބީތަކަށް ބަލައި، އޭނާއަކީ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ. ހަމައެފަދައިން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރުމާއި ސާބިތުކަމުގެ އިތުރުން، ތަފާތު އެކި ލީގުތަކުގައި އޭނާ ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން، އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަކާލާތުކުރާ ބަޔަކުވެސް މަދެއް ނޫނެވެ. ކޮންމެއަކަސް، މި ދެ ކުޅުންތެރިންގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަމުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމަކާއި ޝަރަފެއް ލިބިގެންދިޔައީ ފުޓްބޯޅައިގެ ޢާލަމަށެވެ.

މެސީ އާއި ރޮނާލްޑޯގެ މެދުގައި އޮތް ވާދަވެރިކަމަކީ ހަމައެކަނި ކުރިމަތިލުމެއް ނޫނެވެ. އެއީ ދެ ލެޖެންޑުން އެކަކު އަނެކަކަށް ހިތްވަރުދީ، ފުޓްބޯޅައިގެ އާ އުސްމިންތަކަކަށް ވާސިލްވުމަށް ކުރި މިންނެތް މަސައްކަތުގެ ރީތި ނަމޫނާއެކެވެ. 

މެސީ އާއި ރޮނާލްޑޯގެ ތެރެއިން މޮޅީ ކާކުތޯ ކުރެވޭ ބަހުސްތަކަށްވުރެ، މި ދެ ކުޅުންތެރިން އެއް ޒަމާނެއްގައި ފެނިގެންދިއުމަކީ ފުޓުބޯޅައަށް ލޯބިކުރާ އެންމެންނަށް ލިބުނު ނުހަނު ބޮޑު ނަސީބެކެވެ. މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަމަކީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި އުފެދުނު ވާދަވެރިކަމެއް ނޫނެވެ. އެއީ ފުޓުބޯޅައިގެ ތާރީޚުގައި ލިޔެވުނު އެންމެ ފުރިހަމަ އަދި އެންމެ އަސަރުގަދަ ސޮފްޙާއެވެ. 

                    



                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450