ދުނިޔެ

ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' އަށް ކުރާ އުންމީދު

ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' އަށް ކުރާ އުންމީދު

ބްރެޒިލްގެ ކުޅުންތެރިއެއް ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 02:27

25 ޖޫން 2026، 02:27

ބްރެޒިލަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމެވެ. ފިރިހެނުންގެ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށް، ފުޓްބޯޅައިގެ ލެޖެންޑުން އުފައްދާފައިވާ މި ގައުމަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ މި މުބާރާތުގެ އެންމެ ވަރުގަދަ ބާރެވެ. ނަމަވެސް، ފާއިތުވި ފަސް މުބާރާތުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން މިވަނީ އައު އުކުޅުތަކެއް އިޚްތިޔާރުކޮށްފައެވެ. އެގޮތުން، ޓެކްނޮލޮޖީގެ އެހީގައި ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމަށް 'ސްމާޓް ވެސްޓް' ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ތަމްރީނުތަކާއި ކްލަބު މެޗުތަކުގައި ޖާޒީގެ އެތެރެއިން ސެންސަރު ހަރުކޮށްފައިވާ މި ވެސްޓްތައް ބޭނުންކުރެއެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ކުޅުންތެރިޔާ ދުވާ ބާރުމިނާއި، ހިތުގެ ވިންދާއި، ވަރުބަލިކަމުގެ މިންވަރާއި، އަނިޔާއިން ސަލާމަތްވާ މިންވަރު ދެނެގަނެވެއެވެ. ބްރެޒިލްގެ ހެޑް ކޯޗު ކާލޯ އަންޗެލޮޓީއަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މި މައުލޫމާތުތަކަކީ ވަރަށް މުހިންމު އެހީއެކެވެ.

މި ޓެކްނޮލޮޖީގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ގައުމީ ޓީމުގެ ކޯޗުންނަށެވެ. ސަބަބަކީ ގައުމީ ޓީމުގެ ކުޅުންތެރިން ދުނިޔޭގެ އެކި ބައްރުތަކުގައި ތަފާތު ކްލަބުތަކަށް ކުޅެމުންދާއިރު، އެމީހުންގެ ފެންވަރު ކޯޗުންނަށް ގާތުން ބަލައިލުމުގެ ފުރުސަތު މަދުވުމެވެ. ބްރެޒިލްގެ ސްޕޯޓްސް ސައިންސް ހެޑް ގުއިލްހާމް ޕާސޯސް ފާހަގަކުރާ ގޮތުގައި، ކުޅުންތެރިން ކްލަބުތަކުގައި ތިބޭއިރުވެސް އެމީހުންގެ މައުލޫމާތު ދުވަހުން ދުވަހަށް ގައުމީ ޓީމުގެ ޑޭޓާބޭސްއަށް ލިބެމުންދެއެވެ. މީގެ ސަބަބުން ކުޅުންތެރިން ގައުމީ ޓީމަށް އަންނައިރު ތިބި ފިޓްނަސް މިންވަރު ދެނެގަތުން ފަސޭހަވެއެވެ.

ޓީމު ހޮވުމާއި، ޓެކްޓިކްސް ރޭވުމުގައިވެސް މި ޑޭޓާގެ ބޭނުން ވަރަށް ބޮޑަށް ހިފައެވެ. މިސާލަކަށް، ވަރަށް ބާރަށް ދުވާ ކުޅުންތެރިއަކު ކައުންޓަރ އެޓޭކްތަކުގައި ބޭނުންކުރުމަށާއި، އަނިޔާއިން ސަލާމަތްވަމުން އަންނަ ކުޅުންތެރިއަކު މެޗު ފަށާއިރު ބޭނުންކުރާނީތޯ ނުވަތަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރާނީތޯ ނިންމުމުގައި މި މައުލޫމާތު އެހީތެރިވެދެއެވެ. ޚާއްޞަކޮށް ފުޓްބޯޅައިގައި އާންމުކޮށް ދިމާވާ 'ހެމްސްޓްރިންގް' އަނިޔާތަކުން ރައްކާތެރިވުމަށް މި ޓެކްނޮލޮޖީއަކީ ވަރަށް މުހިންމު އެއްޗެކެވެ.

ބީބީސީ ޓެކް އެކްސްޕްލޯ އިން ވަނީ އެމެރިކާގެ ބޮސްޓަން ލެގަސީ ކްލަބާއެކު މި ވެސްޓްތައް ޓެސްޓުކޮށްފައެވެ. މި ވެސްޓްތަކުން ކުޅުންތެރިޔާގެ ހަށިގަނޑަށް ކުރާ ބާރު ނުވަތަ 'ޕްލޭޔަރ ލޯޑް' ދެނެގަނެއެވެ. މިއީ ތަމްރީނުތަކުގައި ކުޅުންތެރިންނަށް މާ ބޮޑަށް ބާރުބޮޑުވިޔަނުދީ، އަނިޔާއިން ރައްކާތެރިކުރުމަށް ބޭނުންކުރާ މިންގަނޑެކެވެ.

ނަމަވެސް، ޕާސޯސް ގަބޫލުކުރާ ގޮތުގައި ހަމައެކަނި ޑޭޓާއަށް ބަލައިގެން މޮޅު ކުޅުންތެރިއަކު ދެނެއް ނުގަނެވޭނެއެވެ. އޭނާ މިސާލެއް ދެއްކެވި ގޮތުގައި، ދަނޑުމަތީގައި މާ ގިނައިން ނުދުވާ ކުޅުންތެރިއަކީވެސް ޓެކްޓިކަލް ގޮތުން ރަނގަޅު މަގާމެއްގައި ހުރެ، ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިއަކަށް ވެދާނެއެވެ. ފުޓްބޯޅައަކީ ހަމައެކަނި ދުވުމެއް ނޫނެވެ. ކުޅުންތެރިޔާގެ ވިސްނުމާއި، ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމަކީ ކޯޗުން ނިންމުންތައް ނިންމާއިރު ބަލާނެ މުހިންމު ކަންކަމެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އޭއައި  ގެ އެހީތެރިކަންވެސް ލިބޭނެއެވެ. ފީފާއާއި ލެނޯވޯ ގުޅިގެން އުފައްދާފައިވާ 'ފުޓްބޯލް އޭއައި ޕްރޯ' އަކީ ކޯޗުންނަށް ވަގުތުން ފީޑްބެކް ދޭނެ ސިސްޓަމެކެވެ. އެހެންނަމަވެސް، ބްރެޒިލުން ގަބޫލުކުރާ ގޮތުގައި އެންމެ ފަހު ނިންމުން ނިންމާނީ އިންސާނުންނެވެ. ޓެކްނޮލޮޖީއަކީ އެހީތެރިއެކެވެ. ކާމިޔާބީ ލިބޭނީ ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ހުނަރަކުންނެވެ. ބްރެޒިލްގެ އަމާޒަކީ 23 ޖޫންގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުން ފެށިގެން، މި ޓެކްނޮލޮޖީގެ އެހީގައި އެންމެ ވަރުގަދަ ޓީމު ދަނޑަށް ނެރެ، 2026 ގެ ތަށި އުފުލާލުމެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450