ދުނިޔެ
މިއީ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބަލައިގެން 50،000 ޑޮލަރު ހޯދާ ދެ ސަޕޯޓަރުން
އަކޯޓޯ އާއި އޮސްޓިން ފޮޓޯ: ބީބީސީ
ފުޓްބޯޅަ ފޯރި ގަދަވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވޯލްޑް ކަޕްގެ ފޯރި ހިފާފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ބަލައިގެން ބޮޑު އާމްދަނީއެއް ހޯދާ ދެމީހެއްގެ ވާހަކަ މިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.
އެމެރިކާގެ ނިއުޔޯކްގެ މަޝްހޫރު ޓައިމްސް ސްކޮޔަރގައި ހުންނަ ބިއްލޫރި ކިއުބިކެއްގެ ތެރޭގައި ތިބެގެން، މުބާރާތުގެ ހުރިހާ މެޗެއް (ޖުމްލަ 104 މެޗު) ބަލައިގެން ކެވިން އަކޯޓޯ އާއި އޮސްޓިން ފްރެންކްލިން ކުރެ ކޮންމެ މީހަކަށް 50،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 771,000 ދިވެހި ރުފިޔާ) ލިބެއެވެ.
"ފޮކްސް ވަން" ގެ ފަރާތުން ހޮވާފައިވާ މި ދެ "ޗީފް ވޯލްޑް ކަޕް ވޮޗާސް" މި މަގާމަށް ހޮވުނީ އެތައް ހާސް ބައެއްގެ ތެރެއިންނެވެ.
މި ދެމީހުން ތިބޭ ކިއުބިކަކީ ފުޓްބޯޅަ ސަޕޯޓަރަކު އުންމީދު ކުރާނެ ފަދަ ހުރިހާ ވަސީލަތެއް ގާއިމްކޮށްފައިވާ ތަނެކެވެ. އޭގެ ތެރޭގައި އަރާމު ސޯފާ އާއި، ދެ ބޮޑު ޓީވީގެ އިތުރުން ފުޓްބޯޅަ މާކެޓާއި ކާބޯތަކެތި ވެސް ހިމެނެއެވެ. ފްލޮރިޑާގެ ކެކިއެއް ކަމަށްވާ ކެވިން ބުނި ގޮތުގައި މިއީ ޒުވާން ކޮންމެ ސަޕޯޓަރަކު ވެސް ދެކޭނެ ހުވަފެނެކެވެ.
ނަމަވެސް، މިއީ ހަމައެކަނި މެޗު ބަލާލުމަށްވުރެ ބުރަ މަސައްކަތެކެވެ. މެޗުތައް ބަލަމުން ސޯޝަލް މީޑިއާއަށް ކޮންޓެންޓް ތައްޔާރުކުރަން ޖެހޭއިރު، މިއީ ވަރަށް ވަރުބަލިވާ ކަމެއް ކަމަށް އިންފްލުއެންސަރެއްގެ ގޮތުގައި މަސައްކަތްކުރާ އޮސްޓިން ބުންޏެވެ.
މިއީ މެރެތަންއެއް ކަހަލަ ކަމެއް. އަށް ގަޑިއިރުގެ ނިދި ހަމަކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭ
މި ތަޖުރިބާގެ ތެރެއިން އެމީހުންނަށް ވަނީ ތާރީޚީ ވަގުތުތަކެއް ވެސް ފެނިފައެވެ. އެގޮތުން ލިއޮނަލް މެސީ ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލި ވަގުތު އެމީހުން ތިބީ އާޖެންޓީނާގެ ކާނާއެއް ކަމަށްވާ "ބާބަކިއު" ކާށެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓައިމްސް ސްކޮޔަރއަށް އަންނަ ސަޕޯޓަރުންނާ ބައްދަލުވެ، އެކި ގައުމުތަކުގެ ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ވެސް އެމީހުންނަށް ލިބެއެވެ.

މި މުބާރާތް ކާމިޔާބު ކުރާނެ ގައުމަކާ މެދު ސުވާލު ކުރުމުން، ކެވިން ބުނީ ސްޕެއިން ތަށި އުފުލާލާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭނާ ސަޕޯޓް ކުރަނީ އޭނާގެ އަސްލު ނިސްބަތްވާ ގާނާ އާއި އެމެރިކާއަށެވެ. އަނެއްކޮޅުން އޮސްޓިން ބުނީ ނޯވޭއިން ތަށި ގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އާންމުންގެ މެދުގައި މި ވަޒީފާއާ މެދު ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މީހުން މިއީ ވަރަށް ނަސީބުގަދަ ކަމެއްގެ ގޮތުގައި ދެކޭއިރު، އަނެއް ބަޔަކު ދެކެނީ މިނިވަންކަމެއް ނެތި، އާންމުންގެ ކުރިމަތީގައި ހުރިހާ މެޗެއް ބަލަން ޖެހުމަކީ "އޯވަރޑޯޒް" ވުން ފަދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ފުޓްބޯޅައަށް ލޯބިކުރާ މީހަކަށް މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.