Ads by Farudhun

ޚަބަރު

އުންމީދަކީ 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދިނުން : މުއްޠަލިބް

އުންމީދަކީ 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދިނުން :  މުއްޠަލިބް

ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދެއް ފޮޓޯ: ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 10:54

25 ޖޫން 2026، 10:54

މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވާ އެންލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ މިންވަރަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. މިކަން ހާމަކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ވަރަށް ކުޑަ ފެންވަރެއްގައި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވިސްނުމަކީ މެރިކަލްޗަރއަކީ ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކޮށް، އޭގެ ނަފާ އިތުރުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސިނާއަތް ކުރިއެރުވުމަށްޓަކައި މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް މިހާރު ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ގދ. އަތޮޅުގައި ބޭރުގެ އިންވެސްޓަރަކާ ގުޅިގެން ދިވެހި ކުންފުންޏަކުން ކުރިއަށްގެންދާ މެރިކަލްޗަރ މަޝްރޫޢުގެ ދަށުން، ފާނަ އާލާކުރުމުގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ އެން އާލާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ "އެމަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ކޮންޕޯނަންޓަކަށް ވެފައި، މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް އިހްސާސްކުރަންޖެހޭ،" ކަމަށެވެ. އެހެންކަމުން، ބެއިޓް ފިޝަރީއެއްގެ ގޮތުގައި މި މަސައްކަތް ގާއިމްކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރެވި، 2028 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް މަސްވެރިންނަށް އެން ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި މެރިކަލްޗަރ ސިނާއަތުގެ ދަށުން ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް ފަދަ ބާވަތްތައް އަންނަނީ އާލާކުރަމުންނެވެ. ޚާއްޞަކޮށް ސީވީޑް އާލާކުރާ ފަރާތްތަކުން މިހާރު ރާއްޖެއިން ބޭރަށް އެ ބާވަތް އެކްސްޕޯޓް ކުރަމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މެރިކަލްޗަރ ސިނާއަތް ފުޅާކޮށް، ކައިރި މުސްތަޤްބަލެއްގައި ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް މި ސިނާއަތުން ރާއްޖެއަށް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450