ދުނިޔެ

ޖިންސީ އަނިޔާ "ހަނގުރާމައިގެ ހަތިޔާރެއްގެ" ގޮތުގައި ބޭނުންކުރަނީ ރަހުމުކުޑަކަމުގެ އިންތިހާއަށް : އދ

ޖިންސީ އަނިޔާ "ހަނގުރާމައިގެ ހަތިޔާރެއްގެ" ގޮތުގައި ބޭނުންކުރަނީ ރަހުމުކުޑަކަމުގެ އިންތިހާއަށް : އދ

ސޫދާން ހަނގުރާމައިގައި ނިކަމެތިވެފައިވާ ކުދިން ފޮޓޯ: އދ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 10:23

25 ޖޫން 2026، 10:23

ސޫދާނުގައި ހިނގަމުންދާ ނުރައްކާތެރި ދާޚިލީ ހަނގުރާމައިގައި އާންމުން ބިރުގަންނަވައި ނާމާންކަން ފެތުރުމަށް "ހަނގުރާމައިގެ ހަތިޔާރެއްގެ" ގޮތުގައި ޖިންސީ އަނިޔާ ދިނުން އިންތިހާއަށް އިތުރުވަމުންދާ ކަމަށް އދ. އިން އަންގާރަ ދުވަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

2023 ވަނަ އަހަރުން ފެށިގެން ސޫދާން ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އާ ދެމެދު ހިނގަމުންދާލޭގެ އުދުވާނުގައި، ޖިންސީ އަނިޔާގެ އަމަލުތައް ހިންގަމުންދާ މިންވަރާއި، އެކަންކަން ކުރަމުންދާ ރަހުމްކުޑަ ގޮތްތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ނުރައްކާތެރި މިންވަރެއް ކަމަށް އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، 2023 އޭޕްރީލް މަހުން ފެށިގެން 2026 އޭޕްރީލް މަހުގެ މެދަކާ ހަމައަށް ސޫދާނުގެ 18 ސްޓޭޓްގެ ތެރެއިން 16 ސްޓޭޓެއްގައި ހަނގުރާމައާ ގުޅުންހުރި ޖިންސީ އަނިޔާގެ 546 ހާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ. މި ހާދިސާތަކުގައި މަދުވެގެން 838 މީހަކަށް އަނިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި 539 އަންހެނުންނާއި، 284 އަންހެން ކުދިންނާއި، އަށް ފިރިހެނުންގެ އިތުރުން ހަތް ފިރިހެން ކުދިން ހިމެނެއެވެ.

ނަމަވެސް، އދ. އިން ބުނާ ގޮތުގައި މިއީ ހަގީގީ އަދަދުގެ ވަރަށް ކުޑަ މިންވަރެކެވެ. އިޖުތިމާއީ ގޮތުން އަންނަ މަލާމާތަށް ބިރުގަތުމާއި، ސިއްހީ ނިޒާމާއި އަދުލު އިންސާފުގެ ނިޒާމު ހުއްޓިފައި އޮތުމުގެ ސަބަބުން ގިނަ ހާދިސާތައް ރިޕޯޓު ނުކުރެވި ހުރިކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ވޯލްކަރ ތުރުކް ވިދާޅުވި ގޮތުގައި، ޖިންސީ އަނިޔާ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ކުށެކެވެ. އަދި މިއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ނުދެވި ދިއުމަކީ އިތުރު އަނިޔާތަކަށް މަގުފަހިވާ ކަމެއް ކަމަށް ވިދާޅުވެ، މިކަންކަން މިނިވަންކަމާއެކު ތަހުގީގުކޮށް ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިފަދަ ގިނަ އަމަލުތައް ހިންގާފައިވަނީ އާރް.އެސް.އެފްގެ ޔުނިފޯމް އަޅައިގެން ތިބި މީހުންނާއި އެ މީހުންނާ ގުޅިފައިވާ އަރަބި ހަނގުރާމަވެރި ގުރޫޕުތަކުންނެވެ. ނަމަވެސް ސޫދާނުގެ ސިފައިންނާއި އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް މިފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގައި ރޭޕް ކުރުމާއި، ގޫންގް ރޭޕް، ޖިންސީ އަޅުވެތިކަން، މަޖުބޫރުން ކައިވެނި ކުރުވުން އަދި ޖިންސީ ގޮތުން ކުރާ އަނިޔާވެރިކަން ވަނީ ފާހަގަކޮށްފައެވެ. މަދުވެގެން 85 އަންހެނުންނާއި ކުދިން ޖިންސީ އަޅުވެތިކަމުގައި ބައިތިއްބާފައިވާއިރު، 59 މީހަކު ވަނީ ރޭޕް ކުރުމުގެ ސަބަބުން ބަލިވެ އިނދެ ދަރިން ވިހާފައެވެ. އަދި މިފަދަ ރަހުމްކުޑަ އަނިޔާތަކުގެ ސަބަބުން 13 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އެންމެ 9 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

މީގެ އިތުރުން، ހުޅަނގު ދާރްފޫރުގައި ވަކި ނަސްލަކަށް އަމާޒުކޮށްގެން ޖިންސީ އަނިޔާ ދީފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އަނިޔާ ދިނުމުގެ ކުރިން އެ މީހުން ނިސްބަތްވާ ގަބީލާއާ ބެހޭގޮތުން ސުވާލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450