ދުނިޔެ
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެ
ވެނެޒުއޭލާއަށް އައި ބިންހެލުން ދައްކުވައިދޭ ފޮޓޯ: ސީއެންއެން
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެ، އެކި ސަރަހައްދުތަކުން އިމާރާތްތައް ވެއްޓި، ގިނަ ބަޔަކު މަރުވެއްޖެއެވެ.
ބުދަ ދުވަހު އައި މި ބިންހެލުންތަކުގެ ތެރެއިން ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އޭގެ އެންމެ 40 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގެ މާ ބާރުގަދަ ބިންހެލުމެއް އެ ސަރަހައްދަށް ވަނީ އައިސްފައެވެ. މި ހާދިސާއާ ގުޅިގެން ވެނެޒުއޭލާގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.
މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އުތުރުގެ އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ލަ ގުއައިރާއަށެވެ. ވެނެޒުއޭލާގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ޖޯޖް ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެ ސްޓޭޓުން އެކަނިވެސް 15 އަށްވުރެ ގިނަ އިމާރާތް ވަނީ ބިމާހަމަވެފައެވެ. މީގެ އިތުރުން ކާޓިއާ ލަ މާރު ސަރަހައްދުން ފެންނަ ވީޑިއޯތަކުން އިމާރާތްތައް ވެއްޓި، މުޅި ސަރަހައްދު ދުމާއި ހިރަފުހުން ބައްދާލާފައިވާ މަންޒަރު ފެނެއެވެ.
ވެރިރަށް ކަރަކާސްއަށްވެސް މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބިންހެލުމުން ސަލާމަތްވި މީހަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދު ފެންނަނީ "ބިރުވެރި ފިލްމެއްގެ މަންޒަރެއް" ފަދައިންނެވެ. 1967 ވަނަ އަހަރު ކަރަކާސްއަށް އައި ބާރުގަދަ ބިންހެލުން ތަޖުރިބާކުރި މީހަކު ބުނި ގޮތުގައި، މިއަދު އައި ބިންހެލުމަކީ އޭނާގެ ހަޔާތުގައިވެސް ދުށް އެންމެ ނުރައްކާތެރި ބިންހެލުމެވެ.
މި ހާދިސާގައި ވެނެޒުއޭލާގެ މައި ވައިގެ ބަނދަރު، ސައިމަން ބޮލީވާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ބިންހެލުން އައި ވަގުތު އެއާޕޯޓް ތެރޭގައި ތިބި މީހުން ބިރުން ދުވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، މިހާރު އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ.
ވެނެޒުއޭލާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ސަތޭކައަށްވުރެ ގިނަ އެމަޖެންސީ ވޯކަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެކްޓިންގް ޕްރެޒިޑެންޓް ވަނީ ގިނަ ބަޔަކު މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.