ކުޅިވަރު
އަނގަމަތި ފޮރުވައިގެން ވާހަކަ ދެއްކުމުން ބެލިންގްހަމަށް ރަތް ކާޑު ނުދެއްކީ ކީއްވެ؟
އިންގްލެންޑް އާއި ގާނަ ބައްދަލުކުރި މެޗުގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، ގާނާގެ ޖޯޑަން އައިޔޫ ވާހަކަދައްކަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ވޯލްޑް ކަޕްގައި ރޭ އިނގިރޭސިވިލާތާގައި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން، އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، ގާނާގެ ޖޯޑަން އައިޔޫއާ އަނގަމަތި ފޮރުވައިގެން ވާހަކަދައްކަން ހުރި މަންޒަރު ފެންނަ ފޮޓޯއަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އަލަށް ތައާރަފުކުރި ގަވާއިދެއްގައިވާ ގޮތުން، އިދިކޮޅު ކުޅުންތެރިއަކާ ވާހަކަދައްކާއިރު އަނގަމަތި ފޮރުވައިފިނަމަ އެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލެވިދާނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ގަވާއިދު ތައާރަފުކުރަން އެދުނީ، ފެބުރުއަރީ މަހު ބޭއްވި ޗެމްޕިއަންސް ލީގު މެޗެއްގެ ތެރޭގައި ބެންފީކާގެ އަރިމަތިން ކުޅޭ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ރައްދުކޮށް ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާ ގުޅިގެން ޔޫއެފާއިން އޭނާ ހަ މެޗަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
މި އާ ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ރަތް ކާޑު ދެއްކީ މި ވޯލްޑް ކަޕްގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރަގުއޭގެ މިގޭލް އަލްމިރޯން އަށެވެ. އޭނާ ދަނޑުން ފޮނުވާލީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) ގެ ލަފާގެ މަތިންނެވެ.
އެ ހާދިސާ އެހެން ހިނގާފައިވާއިރު، އަންގާރަ ދުވަހު ބޮސްޓަންގައި ކުޅުނު މެޗުގައި ބެލިންހަމް މިގޮތަށް އަމަލުކުރުމުން ވެސް ވީއޭއާރު މެދުވެރިކޮށް އޭނާއަށް ރަތް ކާޑު ނުދެއްކީ ކީއްވެގެން ހެއްޔެވެ؟
މީގެ އަސްލު ސަބަބަކީ އެކަން ހިނގި ހާލަތެވެ. އަނގަމަތި ފޮރުވުން މުޅިން މަނާކުރީއެއް ނޫނެވެ. މަނާކުރީ އިދިކޮޅު ކުޅުންތެރިއަކާ ދެބަސްވެ، ކުރިމަތިލުމެއް ހިނގާ ވަގުތު އެގޮތަށް ކަންތައް ކުރުމެވެ.
މުބާރާތް ފެށުމުގެ ކުރިން ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއަރލުއިޖީ ކޮލީނާ ވަނީ މިކަން ވަރަށް ސާފުކޮށްދެއްވާފައެވެ.
ކޮލީނާ ބުނީ، އެކުވެރިކަމާއެކު ވާހަކަދައްކާއިރު ކުޅުންތެރިންނަށް އަދިވެސް އަތުން ނުވަތަ ޖާޒީން އަނގަމަތި ފޮރުވިދާނެކަމަށެވެ. އަދި މެޗުގެ ކުރިން، މެޗުގެ ތެރޭގައި ނުވަތަ މެޗަށްފަހުވެސް އެކުވެރިކަމާއެކު ވާހަކަދެއްކުމަކީ އާންމު ކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
ފީފާއިން އަލަށް ތަޢާރަފުކުރި މި ގަވާއިދަކީ އެއަށް ޢަމަލުކުރުން މަޖުބޫރު ގަވާއިދެއް ނޫނެވެ. މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ބޭނުންނަމަ މި ގަވާއިދު ތަންފީޛުކުރުމުގެ ފުރުޞަތު އޮވެއެވެ. މިހާތަނަށް މި ގަވާއިދަށް ޢަމަލުކުރަމުންދަނީ ހަމައެކަނި ވޯލްޑް ކަޕުގައެވެ.