ކުޅިވަރު

ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ގޯލު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯ ހޯދައިފި

ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ގޯލު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯ ހޯދައިފި

އުޒްބެކިސްތާން ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

24 ޖޫން 2026، 12:51

2006ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފެބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕަށް ނިކުތް އުޒްބެކިސްތާން 5-0 ބަލިކޮށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕްގެ ހަ މުބާރާތުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައި، އޭނާއަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް ރަނގަޅު ރައްދެއް ދީފިއެވެ.

ހިއުސްޓަންގައި ކުޅުނު މި މެޗުން ހޯދި ފުރިހަމަ ކާމިޔާބާއެކު، ޕޯޗުގަލް މިވަނީ މުބާރާތުގެ ނޮކްއައުޓް ބުރާ ވަރަށް ގާތަށް ޖެހިލާފައެވެ. މިއީ 41 އަހަރުގެ ރޮނާލްޑޯގެ ހުނަރާ މެދު ސުވާލު އުފައްދަމުންދިޔަ ފަރާތްތަކަށް އޭނާ ދިން ވަރުގަދަ ރައްދެކެވެ. މެޗުގެ ހަވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖަހައިގެންނެވެ. މިއީ ލިއޮނަލް މެސީއަށް ވެސް ހާސިލުކުރެވިފައި ނުވާ ކާމިޔާބީއެކެވެ.

ނޫނޯ މެންޑޭޒް ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ހަ މިނެޓު ކުރިން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ވަރަށް ހަމަޖެހިލައިގެން އިދިކޮޅު ގޯލަށް ފޮނުވާލާފައެވެ. މިއާއެކު ވޯލްޑް ކަޕް މުބާރާތްތަކުގައި އޭނާ ޖެހި ލަނޑުގެ އަދަދު 10 އަށް އެރީއެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ޔޫސޭބިއޯއަށް ވުރެ ވެސް އިތުރު އަދަދެކެވެ.

މި މުބާރާތުގައި އަލަށް ވާދަކުރާ އުޒްބެކިސްތާނާ ދެކޮޅަށް ރޮނާލްޑޯ ނުކުތްއިރު، އޭނާ ވަނީ ގައުމީ ޓީމަށ 143 ލަނޑު ކާމިޔާބުކޮށްފައެވެ. މި އަދަދަށް ގައުމީ ޓީމަކަށް އެއްވެސް ކުޅުންތެރިއަކު ގޯލެއް ކާމިޔާބެއް ނުކުރެއެވެ. ނަމަވެސް، އެންމެ މަތީ ފެންވަރުގައި އޭނާގެ ކުޅުން ދަށްވަމުންދާ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް، ކޮންގޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ރޮނާލްޑޯއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއްގެ ބޭނުން ނުހިފުމުން، އޭނާ ބެންޗުގައި ބޭންދުމަށް ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކިބައިން ގިނަ ބަޔަކު އެދެމުންދިޔައެވެ.

މެސީ، އެމްބާޕޭ، ހާލަންޑް އަދި ހެރީ ކޭން ފަދަ ކުޅުންތެރިން ވޯލްޑް ކަޕް ފެށިއިރު ދައްކަމުންދިޔަ މޮޅު ކުޅުމާ އަޅާބަލާއިރު ރޮނާލްޑޯ ހުރީ ފަހަތުގައެވެ. އެހެންނަމަވެސް، ކޯޗު މާޓިނޭޒް ވަނީ އޭނާގެ ކެޕްޓަނަށް ފުރިހަމައަށް އިތުބާރުކޮށްފައެވެ. ހިއުސްޓަން ސްޓޭޑިއަމްގެ ސަޕޯޓަރުންގެ ފަރާތުން ވެސް ރޮނާލްޑޯއަށް ލިބުނީ ވަރަށް ހޫނު މަރުހަބާއެކެވެ.

މެޗުގެ ތެރެއިން ހެޓްރިކެއް ފުރިހަމަކުރުމާ ރޮނާލްޑޯ ވަރަށް ގާތަށް ދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އުޒްބެކިސްތާނުގެ ކީޕަރު ނެމަޓޯވް ދިފާއުކުރިއެވެ. އެހެންނަމަވެސް، އެ ފުރުސަތަށް ފަހު ލިބުނު ކޯނަރެއްގައި ރޮނާލްޑޯގެ ނުފޫޒާއެކު، ބޯޅަ ގޯލަށް ވަނީ ނެމަޓޯވް އަތުން ބައިކޮޅަށެވެ. މެޗުގެ ފަސްވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ރަފައެލް ލެއާއޯއެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، ޓީމުގެ ކުޅުން ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެފައިވާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. 

ޕޯޗުގަލް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450