Ads by Farudhun

ޚަބަރު

ޖަޕާނުން ހަދިޔާކުރި ފެން ހިއްކާ ޕަންޕުތައް 18 ރަށަކަށް ފޮނުވައިފި

ޖަޕާނުން ހަދިޔާކުރި ފެން ހިއްކާ ޕަންޕުތައް 18 ރަށަކަށް ފޮނުވައިފި

ޖަޕާނުން ހަދިޔާކުރި ފެން ހިއްކާ ޕަންޕުތައް 18 ރަށަކަށް ފޮނުވުން. ފޮޓޯ: އެންޑީއެމްއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2026، 04:15

22 ޖޫން 2026، 04:15

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ރާއްޖޭގެ 18 ރަށަކާ ހަވާލުކޮށްފިއެވެ.

މިއީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ބުރުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި ޖުމްލަ 20 ރަށަކަށް ޕަންޕުތައް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 18 ރަށަކަށް މިހާރު ޕަންޕުތައް ފޮނުވާފައިވާއިރު، ބާކީ އޮތް ބ. ކުޑަރިކިލަށާއި ނ. މާފަރަށް ޕަންޕުތައް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށަކަށް ދެ ޕަންޕާއި އެއަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާލުކުރެވޭނެއެވެ.

ފުރަތަމަ ބުރުގައި ޕަންޕުތައް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ގއ. ކަނޑުހުޅުދޫ، ހއ. އުލިގަން، ކ. ކާށިދޫ، މ. މުލަށް، ރ. އިނގުރައިދޫ، ރ. ފައިނު، އއ. ފެރިދޫ، ދ. ހުޅުދެލި، ފ. ބިލެއްދޫ، ފ. މަގޫދޫ، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ކ. ގާފަރު، ތ. ބުރުނީ، ތ. ކަނޑޫދޫ އަދި ޅ. ނައިފަރު ހިމެނެއެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 14 ރަށަކަށް ޕަންޕުތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހއ، ހދ، ނ، ރ، ބ، ޅ، ކ، ތ، ދ، ފ އަދި ގދ އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ. ޖުމްލަ 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި މި ޕްރޮޖެކްޓުގެ ދަށުން ޖަޕާނުން ވަނީ ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕު ހިމެނެއެވެ.

ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމެވެ. އެގޮތުން 2015 އަދި 2017 ވަނަ އަހަރު އެންޑީއެމްއޭ ބިނާކުރުމަށް އެހީތެރިވެދީފައިވާއިރު، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ފޯރުކޮށްދިނުމަށް 89,900 ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި މި އެހީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ލިބޭ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި މިއީ ރަށްރަށުގެ މުޖުތަމަޢުތަކަކީ ކާރިސާތަކަށް ވިލުންތެރި ބަޔަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450