ޚަބަރު
މާލޭ ވެޓް މާކެޓުގެ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން އަދިވެސް ބިން ހަވާލުނުކުރޭ
މާލޭ ވެޓް މާކެޓްގެ ޑިޒައިން---
މާލޭ ވެޓް މާކެޓުގެ މަސައްކަތް އަދިވެސް ނުފެށި ވަނީ، އަދިވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ނުދޭތީކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސިޓީ ކައުންސިލުން ބިން ހަވާލުކޮށްފައި ނުވަނީ މަސް މާރުކޭޓު ސަރަޙައްދު ތަރައްޤީ ކުރުމަށް 9 މާރިޗު 2023ގައި ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާތީ ކަމަށެވެ. އަދި ބިން ހަވާލުކުރެވޭނީ އެ ކުންފުންޏާއި ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހުކަން ވެސް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިއަދާހަމައަށް ވެސް އެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކޮށްފައިނުވާކަން ވަނީ ހާމަކޮށްފައެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިންނާއި، އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ވެފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތް 15 މާރިޗު 2026ގައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށްފަހު، އެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމަށް 29 މާރިޗު 2026ގައި މާލޭ ސިޓީ ކައުންސިލަށް ފުރަތަމަ ސިޓީ ފޮނުވާފައިވާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި އެ ސިޓީއަށް ޖަވާބެއް އަރުވާފައި ނުވަނީސް، މަޝްރޫޢުގެ ފައިނޭންސް ހަމަޖެހުމުން ބިމަށް ވަނުމުގެ ޙުއްދައަށް އެދި 11 އެޕްރީލް 2026ގައި ކޮންޓްރެކްޓަރު ސިޓީ ކައުންސިލުގައި އެދުނުކަމަށާއި، ޖެހިގެން އައި ދުވަހު، 18 އެޕްރީލްގެ ކުރިން ބިން ހަވާލުކުރުމަށް ވުޒާރާއިން އެދުނު ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ޖުމްލަ 116،999،624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަ ސަތޭކަ ނުވަދިހަ ނުވަހާސް ހަ ސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) ކުރިޔަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ބިން ހަވާލުނުކޮށް ލަސްވާތީ މަޝްރޫޢުގެ އަގު ބޮޑުވެ ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތަކުން މަޙްރޫމްވާނެތީ އެކަމުގެ ކަންބޮޑުވުން ވުޒާރާއިން ވަނީ ފާޅުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މަސް މާރުކޭޓާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އަދި ތަރުކާރީ މާރުކޭޓަކާއި، ފުޑް ކޯޓުތަކެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.