ޚަބަރު
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ތަޢާރަފްކޮށްދެއްވައިފި
ޕޭޕަލް ރާއްޖެއަށް ތަޢާރަފްކުރުން ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޕޭޕަލް ގެ ޚިދުމަތް، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، އުރީދޫ އަދި ޕޭޕަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރ އާމިރު ވިލިއާނީ ވިދާޅުވީ، ޕޭޕަލްގެ ޒަރިއްޔާއިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ގާއިމުކުރެވުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތައް ބައިނަލްއަގުވާމީ ބާޒާރުތަކާ ގުޅިލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ "ޑިޖިޓަލް މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، އިގްތިސާދު ސިންދަފާތުކޮށް އާ ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
"ފްރީލަންސަރުންނާއި، ވިޔަފާރުވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ވިލިއާނީ ވިދާޅުވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ބޭނުންވާ 'އިންވާޑް ރެމިޓެންސް' ހުއްދަ، އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، މި އަހަރުގެ ކުރީކޮޅު ވަނީ ޓެސްޓިންގ މަރުހަލާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި ޚިދުމަތާއެކު ދިވެހި އުފެއްދުންތެރިންނާއި، އޮންލައިންކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބޭރު ގައުމުތަކުން ފައިސާ ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.