ދުނިޔެ
އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކާ ގާތަށް - ނަމަވެސް އަދި ސޮޔެއް ނުކުރޭ
އެމެރިކާ އާއި އިރާނުގެ ސުލްހައިގެ އެއްބަސްވުން - ފޮޓޯ: އަލްޖަޒީރާ
އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކުގައި މިހާތަނަށް ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ދެ ގައުމުން ހާމަކޮށްފިއެވެ.
ނަމަވެސް، މި އެއްބަސްވުމުގައި ރަސްމީކޮށް އަދި ސޮއިކޮށްފައި ނުވާކަމަށް ދެ ފަރާތުންވެސް ބުނެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއެކު ވެވޭ ފަހުމުނާމާ އޮތީ ވަރަށް ގާތްވެފައެވެ. އަދި މި އެއްބަސްވުން ފައިނަލް ވަންދެން، މީޑިއާތަކުން މިކަމާ ގުޅޭގޮތުން ކުރާ ތަފާތު ތުހުމަތުތަކާއި ޚަބަރުތައް ހުއްޓާލުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ފޮރިން މިނިސްޓަރުގެ ބަޔާން އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ހިއްސާކޮށްފައެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ، އެއްބަސްވުމުގެ ތަފްސީލުތައް އީރާނުގެ ދައުލަތުގެ މީޑިއާއަށް ލީކުވެފައިވާ ކަމަށް ބުނެ ކުރެވޭ ރިޕޯޓްތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމުގެ އެންމެ ފަހުގެ ލިޔުމާ ހަމައަށް މިހާރު ދެ ގައުމުން ދެވިފައިވާ ކަމަށެވެ. އަދި ދެން އޮތީ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނިންމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރުވެސް، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މިދިޔަ މާރިޗު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,711 މީހުން ޝަހީދުވެ، 11,483 މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ޒަޚަމްވި ދެ ޕެރަމެޑިކުންވެސް ހިމެނެއެވެ.
އެމެރިކާގެ ހައުސް ރިޕަބްލިކަން މެންބަރުންވެސް ވަނީ އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކާ މިހާ ގާތަށް ދެވުނު މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ. ނަމަވެސް، މިއީ އަދި ނިމިފައިވާ ކަމެއް ނޫންކަމަށް ދެ ފަރާތުގެ ބަސްމަގުންވެސް ދޭހަވެއެވެ.