ދުނިޔެ

އެމެރިކާގެ ހަމަލާތަކާ ގުޅިގެން ބަހުރައިން، ކުވެއިތު އަދި އުރުދުންއަށް އީރާނުން އަނެއްކާވެސް ހަމަލާދީފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން ބަހުރައިން، ކުވެއިތު އަދި އުރުދުންއަށް އީރާނުން އަނެއްކާވެސް ހަމަލާދީފި

އީރާނުން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ހަމަލާދިނުން. ފޮޓޯ: ޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2026، 10:59

11 ޖޫން 2026، 10:59

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހުރައިން، ކުވެއިތު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހު ބަހުރައިންގެ ޝެއިޚް އީސާ އެއާބޭސްއަށާއި ކުވެއިތުގެ އަލީ އަލް ސާލިމް އަދި އަހުމަދު އަލް ޖާބިރު އެއާބޭސްއަށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ.

މީގެ އިތުރުން އުރުދުންގައި ހުންނަ އަލް އަޒްރަގް އެއާބޭސްއަށް 12 ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅިން "ގަވާއިދާ ހިލާފަށް" ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރަކަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން ބަހުރައިންގައި ދެ ފަހަރެއްގެ މަތިން އެއާ ރެއިޑް ސައިރަން އަޅާފައިވާއިރު، ކުވެއިތުން ބުނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އަމާޒުތައް ހުއްޓުވާފައިވާ ކަމަށެވެ.

އައި.އާރު.ޖީ.ސީ އިން ވަނީ ހޮރްމޫޒް ކަނޑުއޮޅިއަކީ "ވަކި ގޮތެއް އަންގަންދެން ބަންދު ކުރެވިފައިވާ" ތަނެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެމެރިކާއިން އޭޕްރީލް މަހުގެ ސުލްހައިގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ދިން ހަމަލާތަކެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން އީރާނުގެ އެކި ސަރަހައްދުތަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މުވާސަލާތީ ނިޒާމުތަކާއި ވައިގެ ދިފާއީ މަރުކަޒުތަކަށް އަމާޒުކޮށްފައިވެއެވެ. ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުން ސުލްހައިގެ ވާހަކަތައް ލަސްކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ގައުމުގެ އިންޖީނުގެތަކާއި ފާލަންތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އާންމު ހިދުމަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަކީ ބާރުވެރިކަމުގެ ނިޝާނެއް ނޫން ކަމަށާއި، އެއީ ނާއުއްމީދުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. "އީރާނުގެ ރައްޔިތުންގެ ވަރުގަދަ އަޒުމުގެ ކުރިމަތީގައި ކޮންމެ ފިއްތުމަކަށްވެސް ސާބިތުކަމާއެކު ކުރިމަތިލާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލެމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސުލްހައިގެ ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް، އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450