ދުނިޔެ
އިންޑިއާގެ އާބާދީ އިތުރުވާ މިންވަރު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފި
އިންޑިއާގެ ތަނަކަށް އެއްވެތިބި ބައެއް. ފޮޓޯ:ޓައިމްސް އޮފް އިންޑިއާ
އިންޑިއާގެ އާބާދީ ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށްވުރެ އެ ގައުމުގެ އާބާދީ އިތުރުވާ މިންވަރު ނުވަތަ ފާޓިލިޓީ ރޭޓް ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާކަން ދާދިފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ކުރިމަގުގައި މަސައްކަތްތެރިން މަދުވުމާއި އާބާދީ މުސްކުޅިވުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި މާހިރުން ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ އޮފީސް އޮފް ދަ ރެޖިސްޓްރާ ޖެނެރަލް އެންޑް ސެންސަސް ކޮމިޝަނަރުން ނެރުނު ސާމްޕަލް ރެޖިސްޓްރޭޝަން ސިސްޓަމް (އެސްއާރުއެސް) ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ ޓޯޓަލް ފާޓިލިޓީ ރޭޓް (ޓީއެފްއާރު) މިހާރު ވަނީ 1.9 އަށް ވެއްޓިފައެވެ. އާބާދީއެއް އެއް މިންވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ ބެންޗްމާކް ލެވެލް އަކީ އަންހެނަކަށް 2.1 ކުދިންނެވެ. 2000 ގެ އަހަރުތަކުގައި އިންޑިއާގެ މި ރޭޓް ހުރީ 3.3 ގައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި މި ބަދަލު އައުމުގެ މައިގަނޑު ސަބަބުތަކަކީ ތައުލީމީ ފުރުސަތުތައް އިތުރުވުމާއި، ދަރިމައިވުން ކޮންޓްރޯލްކުރާ ވަސީލަތްތައް ލިބުން ފަސޭހަވުމެވެ. މީގެ އިތުރުން ކުދިން ބޮޑުކުރުމަށް ހިނގާ ހަރަދު ބޮޑުވުމާއި، ތުއްތު ކުދިން މަރުވާ މިންވަރު ދަށްވުމަކީ ވެސް އާއިލާތަކުން މަދު ކުދިން ހޯދުމަށް ނިންމާ ސަބަބުތަކެކެވެ. މިގޮތުން ވެރިރަށް ނިއުދިއްލީގައި މި ރޭޓް 1.2 ގައި ހުރިއިރު، ތައުލީމީ ފެންވަރު ދަށް ބިހާރު ފަދަ ސްޓޭޓްތަކުގައި މި އަދަދު އަދިވެސް ހުރީ 2.9 ގައެވެ.
ދަރިމައިވާ މިންވަރު ދަށަށް ދިއުމުގެ ސަބަބުން ކުރިމަގުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު މާހިރުން އިންޒާރު ދެއެވެ. ޑިވެލޮޕްމަންޓް އިކޮނޮމިސްޓް ދީޕާ ސިންހާ ވިދާޅުވި ގޮތުގައި، "ކުދިން އުފަންވާ މިންވަރު މަދުވުމުން، ކުރިއަށް އޮތް 30 ނުވަތަ 40 އަހަރު ތެރޭގައި އިންޑިއާގައި މަސައްކަތް ނުކުރެވޭ އުމުރުގެ މުސްކުޅިންގެ އާބާދީ އިތުރުވެ، މަސައްކަތްތެރިންގެ ބާރު ކުޑަވާނެ" އެވެ. މިއީ ޖަޕާނާއި ޗައިނާ ފަދަ ގައުމުތަކަށް ވެސް މިހާރު ކުރިމަތިވެފައިވާ މައްސަލައެކެވެ.
މި ތަފާސްހިސާބުތަކާއެކު އިންޑިއާގެ ސިޔާސީ މަސްރަހުގައި ވެސް ބަހުސްތަކެއް ވަނީ އުފެދިފައެވެ. ވަކިން ހާއްސަކޮށް ދެކުނުގެ ސްޓޭޓްތަކުގެ އާބާދީ ދަށްވަމުންދާތީ، އާބާދީގެ ނިސްބަތުން ޕާލަމެންޓް ގޮނޑިތައް ބަހާއިރު އެ ސްޓޭޓްތަކުގެ ބާރު ކުޑަވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ. އަދި ބައެއް ދީނީ ގްރޫޕްތަކުން ގިނަ ކުދިން ހޯދުމަށް ބާރުއަޅަމުން ދިޔަ ނަމަވެސް، ތަފާސްހިސާބުތަކުން ދައްކަނީ ހުރިހާ ދީންތަކެއްގެ މެދުގައި ވެސް ކުދިން ހޯދާ މިންވަރު ދަށްވަމުންދާ ކަމަށެވެ.
އާބާދީ ދަށަށްދާ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާގެ ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން އަންދްރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުން ތިންވަނަ ކުއްޖަކު ހޯދާ އާއިލާތަކަށް ފައިސާގެ އެހީ ދޭން ނިންމާފައިވާއިރު، ގޯއާ އަދި ކަރްނާޓަކާ ފަދަ ސްޓޭޓްތަކުން ދަނީ ސަރުކާރުގެ އެހީގައި އައިވީއެފް ސެންޓަރުތައް ގާއިމުކުރަމުންނެވެ.