ދުނިޔެ
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ލާއިންސާނީ ހަމަލާތައް އިތުރުވެއްޖެ
އިސްރާއީލުން ނިރުބަވެރިން ހިންގާ ލާއިންސާނީ އަމަލުތައް - ފޮޓޯ : ވަފާ
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަދެގަނެ، ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރުވެ، ގިނަ ބަޔަކު ހައްޔަރުކޮށް، އާންމުންނަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު އިސްރާއީލުގެ ނިރުބަވެރިން ވަނީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށް ވަދެގަނެ، އެ ރަށުން ފަލަސްތީނުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅު ހައްޔަރުކޮށްފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން އިސްރާއީލުން ސިލްސިލާކޮށް ކުރިއަށްގެންދާ ލާއިންސަނީ އަމަލުތަކުގެ ތެރެއިން ހިންގި އަމަލެކެވެ.
މީގެ އިތުރުން، ރޭގެ ވަގުތެއްގައި އިސްރާއީލުގެ ނިރުބަވެރިން ވަނީ ހެބްރޯންގެ ދެކުނުން އޮންނަ އަލް-ޠަބަޤާ އަވަށަށް އަރައިގަނެފައެވެ. އެ އަވަށުގެ ގެތައް ބަލައި ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، އެމީހުން ގައިގައި ތަޅާ، ރަހުމު ކުޑަގޮތަލަށް އަނިޔާކޮށްފައެވެ. މި ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ނިރުބަވެރިންގެ އިތުރުން، އިސްރާއީލުގެ ރައްޔިތުންވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެގޮތުން، މިއަދު ފަތިހުގެ ވަގުތެއްގައި ނާބްލަސްގެ ހުޅަނގު އުތުރުން އޮންނަ ބައިތު އަމްރިން އަވަށުގައި އިސްރާއީލުވެ މީހުން ވަނީ އާންމު ރައްޔިތެއްގެ ކާރެއްގައި ހުޅުޖަހައި އަންދާލާފައެވެ.
ހަމައެއާއެކު، އިޒްރޭލުގެ ނިރުބަވެރިން ނާބްލަސް ސިޓީއަށް ވަދެ ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފަލަސްތީނުގެ އިތުރު ހަތަރު ރައްޔިތަކު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ކޮންމެ ދުވަހަކު ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.