ދުނިޔެ
އިސްރާއީލުން ރައްދު ހަމަލާ ދީފިނަމަ، ސުންނާފަތިކޮށްލާ ވަރުގެ ހަމަލާދޭނަން: އީރާން
މޮޖްތަބާ ހާމަނާއީ - ފޮޓޯ : އާރުއެންޒެޑް
އީރާނުން މިރޭ އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އިސްރާއީލުން އެއްވެސް ކަހަލަ ރައްދު ހަމަލާއެއް ދީފިނަމަ، އެ ގައުމު ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލާއި އެމެރިކާއިން މިހާރު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާނުލައިފިނަމަ، މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނެ ކަމަށެވެ.
އައިއާރްޖީސީން ހާމަކުރި ގޮތުގައި، އެމެރިކާއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އީރާނުން ރުހުން ދިނީ "ހުރިހާ ހުރިހާ ދިމާލަކުންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ" ޝަރުތުގެ މަތިންނެވެ. ނަމަވެސް، އިސްރާއީލާއި އެމެރިކާއިން އެ ޝަރުތުތަކާ ޚިލާފުވެ، ލުބުނާނަށް މެދުނުކެނޑި ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފައިވެއެވެ.
މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅިއާއި، އޮމާން ކަނޑު އަދި އިންޑިއާ ކަނޑުގައިވާ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި އުޅަނދުފަހަރަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާދީފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް (ނޭވަލް ބްލޮކޭޑް)، ސިލްސިލާ ހަމަލާތަކެއް ދެމުންދާތީ އެއީ ވެފައިވާ ވައުދުތަކާ ޚިލާފު އަމަލެއް ކަމަށް އީރާނުން ބުނެއެވެ.
މިރޭ އިރާނުން ހިންގި މި އޮޕަރޭޝަނަކީ ހަމައެކަނި ދިން އިންޒާރެއް ކަމަށް އައިއާރްޖީސީގެ ބަޔާނުގައިވެއެވެ. އުދުވާނީ ހަމަލާތައް ތަކުރާރުވާނަމަ، މި ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ހުރިހާ އަމާޒުތަކަކަށް ދޭ ރައްދު މިއަށްވުރެ މާ ނުރައްކާތެރިވެފައި ފުޅާވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު އޮތީ ނުހަނު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.