ޚަބަރު
ނަމާދު ވަގުތަށް ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމައިފި
ނަމާދު ވަގުތަށް ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމާ ގުޅޭ ކައުންސިލް ބައްދަލުވުން ފޮޓޯ: ތޮއްޑޫ ކައުންސިލް
އއ. ތޮއްޑޫގައި ކޮންމެ ނަމާދު ވަގުތަކާ ދިމާކޮށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ތޮއްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ނަމާދު ގަޑިތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ރަށުގެ ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ބަންދުކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކު އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 08:00 އާ ދެމެދުގައާއި، ހުކުރު ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 02:00 އާ ދެމެދު ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމުގައިވެސް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ތޮއްޑޫ ކައުންސިލުން މި ބަދަލުތައް ގެނެސްފައިވަނީ، ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މި ބަދަލުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ތިބޭ ޒުވާނުންނަށް ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، (20 މިނެޓަށް ވިޔަސް) ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ތޮއްޑޫ ކައުންސިލްގެ މި ނިންމުމަކީ އިސްލާމީ އަދަބުތަކާއި ނަމާދަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.