ދުނިޔެ

ނިއުކްލިއާ ޕްރޮގްރާމުގެ ބައެއް ކަންކަމާ މެދު މަޝްވަރާކުރަން އިރާނުން އެއްބަސްވެއްޖެ: ރޫބިއޯ

ނިއުކްލިއާ ޕްރޮގްރާމުގެ ބައެއް ކަންކަމާ މެދު މަޝްވަރާކުރަން އިރާނުން އެއްބަސްވެއްޖެ: ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2026، 10:03

03 ޖޫން 2026، 10:03

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މީގެ ކުރިން މަޝްވަރާކުރުމަށް ދެކޮޅު ހަދާފައިވާ ބައެއް ކަންކަމާ މެދު ވާހަކަދެއްކުމަށް އެ ގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފިއެވެ.

މިކަމުގެ ސަބަބުން ސްޓްރެއިޓް އޮފް ހޯމޫޒް އަލުން ހުޅުވާލުމަށާއި ޑިޕްލޮމެޓިކް ގޮތުން ބޮޑު ކުރިއެރުމެއް ލިބުމުގެ އުންމީދު ވަނީ އާވެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓާ ގުޅޭގޮތުން ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަދައްކަވަމުން ރޫބިއޯ ބުނީ، އީރާނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ވާހަކަދައްކަމުން. މިއަދު ނުވަތަ މާދަމާ ނުވަތަ އަންނަ ހަފްތާގައި ވިޔަސް މިކަން ހިނގައިދާނެ. އަޅުގަނޑުގެ ހަނދާނުގައި ހުރި ގޮތުން ނަމަ، ފުރަތަމަ ފަހަރަށް އެ ގައުމުން ވަނީ ނިއުކްލިއާ ޕްރޮގްރާމުގެ ވަކި ކަންތައްތަކަކާ މެދު މަޝްވަރާކުރަން އެއްބަސްވެފައި،" ރޫބިއޯ ބުނެފައިވެއެވެ.

އެމެރިކާގެ އުންމީދަކީ މި މަޝްވަރާތަކުގެ ސަބަބުން އިސްތިރާތީޖީ ގޮތުން މުހިންމު ކަނޑުއޮޅި ކަމަށްވާ ސްޓްރެއިޓް އޮފް ހޯމޫޒް އަލުން ހުޅުވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އެއްބަސްވުމަކަށް އާދެވުން ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ރޫބިއޯ ބުނީ ގޮތުގައި، ދެފަރާތަށް ވެސް ގަބޫލުކުރެވޭ ފަދަ ނަތީޖާއަކަށް ވާސިލުވުމަށްޓަކައި ވަކި ޚާއްސަ ދާއިރާތަކަކުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ.

ސްޓްރެއިޓް އޮފް ހޯމޫޒްގައި އީރާނުން އަމަލުކުރަމުންދާ ގޮތަށް ރޫބިއޯ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭނާ އެ އަމަލުތައް ސިފަކުރެއްވީ "ޣައިރު ގާނޫނީ" ކަންތައްތަކެއްގެ ގޮތުގައެވެ. "އީރާނުން އެ ކަނޑުއޮޅީގައި ކުރަމުންދާ ކަންކަމަށް ތާއީދުކުރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތް. ޗައިނާ، ރަޝިޔާ އަދި މުޅި ދުނިޔެ ވެސް އޮތީ އެކަމާ ދެކޮޅަށް،" ރޫބިއޯ ބުނެއެވެ.

ކަނޑުއޮޅި ހުޅުވާލުމުގެ މާނައަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން އުޅަނދުފަހަރަށް އެއްވެސް ހަމަލާއަކާ ކުރިމަތިނުވެ އަދި އެއްވެސް ފީއެއް ދައްކަން ނުޖެހި ދަތުރުކުރެވުން ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލުގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާ ގުޅޭގޮތުން އަދި މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ރޫބިއޯ ކަށަވަރުކޮށްދިނެވެ.

ނިންމަވާލައްވަމުން ރޫބިއޯ ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދެވޭނީ ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އެއީ އެ ފިޔަވަޅުތައް އެޅުމަށް މެދުވެރިވި އަސްލު ސަބަބު ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެދެވޭ ބަދަލުތަކެއް އައުމުން ކަމަށް އޭނާ ބުންޏެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450