Ads by Farudhun

ޚަބަރު

ރާއްޖޭގެ މައި ބަނދަރުގައި ކޮންޓެއިނަރު ސްކޭނަރެއް ބަހައްޓައި އޮޕަރޭޝަނަށް ގެންނަނީ

ރާއްޖޭގެ މައި ބަނދަރުގައި ކޮންޓެއިނަރު ސްކޭނަރެއް ބަހައްޓައި އޮޕަރޭޝަނަށް ގެންނަނީ

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 06:07

31 މޭ 2026، 06:07

މަސްތުވާތަކެއްޗާއި މަނާ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މައި ބަނދަރުގައި ކޮންޓެއިނަރު ސްކޭނަރެއް ބަހައްޓައި އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ބަނދަރުގެ ސަލާމަތީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުމާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން މައި ބަނދަރުގައި "ފުލް ކޮންޓެއިނަރު ސްކޭނަރެއް" ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް އެބަދޭ. ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ. އޭރަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ،

      ވަޒީރު އިޙްސާން ވިދާޅުވިއެވެ.


މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މި މައްސަލައާ ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުމަކީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމެވެ. މީގެ އިތުރުން، ވައިގެމަގުން އެތެރެކުރާ ޕެކޭޖުތައް ކުރިން ރެންޑަމްކޮށް ސްކޭން ކުރި ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ސްކޭން ކުރާ ގޮތަށް ވަނީ އުޞޫލު ބަދަލުކޮށްފައެވެ.


ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1,294 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ އިރު، އަލަށް ތަޢާރަފުކުރާ ކޮންޓެއިނަރު ސްކޭނަރާއެކު މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450