ދުނިޔެ

އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބިލެއް ކޮންގްރެސްއަށް ހުށަހަޅައިފި

އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބިލެއް ކޮންގްރެސްއަށް ހުށަހަޅައިފި

އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ / ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މޭ 2026، 04:19

31 މޭ 2026، 04:19

އެމެރިކާ އާއި އިސްރާއީލުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކޮށް، ހަތިޔާރު އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެމެރިކާގެ ކޮންގްރެސްއަށް ބިލެއް ހުށަހަޅައިފިއެވެ.

"ޔުނައިޓެޑް ސްޓޭޓްސް-އިސްރާއީލް ޑިފެންސް ޓެކްނޮލޮޖީ ކޯޕަރޭޝަން އިނީޝިއޭޓިވް" ގެ ނަމުގައި ހުށަހަޅާފައިވާ މި ހުށަހެޅުމަކީ 2027 ވަނަ މާލީ އަހަރުގެ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (NDAA) ގެ ބައެކެވެ.

މި ބިލު ފާސްވެއްޖެނަމަ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރީ އެހީތެރިކަމުގެ ގުޅުން، ދެ ޤައުމުގެ ދިފާއީ ސިނާއަތްތައް އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރާ ފެންވަރަށް ބަދަލުވެގެންދާނެއެވެ. މި ބިލުގެ ދަށުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީއަށް ޖެހޭނީ ދެ ޤައުމުގެ އަސްކަރީ އެއްބާރުލުން ވިލަރެސްކުރާނެ ޚާއްޞަ އޮފިޝަލެއް އައްޔަންކުރާށެވެ. މީގެތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (AI)، ޑްރޯން، އަދި ސައިބާ އޮޕަރޭޝަންތައް ފަދަ ޒަމާނީ ހަނގުރާމައިގެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕައުލް މިކަމާ ގުޅޭގޮތުން ވިދާޅުވީ، "މި ބިލުގެ ސަބަބުން އިސްރާއީލަށް އެމެރިކާގެ ޓެކްނޮލޮޖީތަކަށް މީގެކުރިން ނުލިބޭ ފަދަ ބޮޑު ފުރުސަތެއް ލިބިގެންދާނެ" ކަމަށެވެ. އަދި މީގެ ސަބަބުން އެމެރިކާގެ އަމިއްލަ ދިފާއީ އިސްތިރާޖީ ކަންކަމުގެ މައްޗަށް އިސްރާއީލުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލު ހުށަހަޅާފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފަސް ހަފުތާގެ ހަނގުރާމައެއް ހިނގާފައިވެއެވެ. މީގެއިތުރުން، ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން ދެކުނު އެފްރިކާއިން އދ. ގެ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި އިސްރާއީލަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ.

އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، 2008 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން އިސްރާއީލުގެ އަސްކަރީ ޤާބިލުކަން ސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެ ކުރީގައި ބާއްވަން ޖެހެއެވެ. މިހާރު އޮތް 10 އަހަރުގެ އެއްބަސްވުމުގެ ދަށުން އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން އިސްރާއީލަށް ދެއެވެ.

މި ބިލަކީ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންގެ ތާއީދާއެކު ހުށަހަޅާފައިވާ ބިލެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ބުނެފައިވަނީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ހުއްޓާލަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި ބިލުގެ ސަބަބުން ދެ ޤައުމުގެ ދިފާއީ ސިނާއަތްތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450