ޚަބަރު
މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ނައިބު ރައީސް އިންތިޚާބު ކުރުމަށް މިއަދު މެންދުރުފަހު 1:00 ގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށެވެ. ނަމަވެސް، ފަހުން ވަނީ މި ޖަލްސާ މާދަމާއަށް ތާވަލުކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއަދު ހެނދުނު 9:00 އަށް އެންމެ ފުރަތަމަ ޖަލްސާއެއް އެޖެންޑާ ކުރީ ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް، ޖަލްސާ ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައެވެ.
ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އެކަން ރަސްމީކޮށް ޖަލްސާގައި އިޢުލާން ކުރައްވާފައެވެ. އަދި އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ މަސައްކަތަށް މިއަދު މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން ރައީސް ކުރިން އިއުލާން ކުރެއްވިއެވެ.
މެންދުރު ބާއްވަން އުޅުނު ޖަލްސާގެ ރަސްމީ އެޖެންޑާ އާންމުކޮށްފައި ނުވި ނަމަވެސް، އެ ޖަލްސާގައި އޮންނާނީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ ވޯޓުލުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ. މަޖިލީހުގެ ދައުރު ދަންމާލަން ނިންމީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމަށެވެ. ނަމަވެސް، ކަންތައްތައް މެދުވެރިވި ގޮތުން މިހާރު މިވަނީ ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ މަސައްކަތް މާދަމާއަށް ލަސްވެފައެވެ.