Ads by Farudhun

ޚަބަރު

މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރުމަށް މިއަދު މެންދުރުފަހު 1:00 އަށް ޖަލްސާއެއް ތާވަލުކޮށްފި

މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރުމަށް މިއަދު މެންދުރުފަހު 1:00 އަށް ޖަލްސާއެއް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 10:07

31 މޭ 2026، 10:07

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި، މިއަދު މެންދުރުފަހު 1:00 ގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ތާވަލުކޮށްފިއެވެ.

މިއަދު ހެނދުނު 9:00 އަށް އެންމެ ފުރަތަމަ ޖަލްސާއެއް އެޖެންޑާ ކުރީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ޖަލްސާ ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އެކަން ރަސްމީކޮށް ޖަލްސާގައި އިޢުލާން ކުރައްވާފައެވެ. އަދި އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ މަސައްކަތަށް މިއަދު މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

މެންދުރު ބާއްވާ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އާންމުކޮށްފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާގައި އޮންނާނީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ ވޯޓުލުމެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ. މަޖިލީހުގެ ދައުރު ދަންމާލަން ނިންމީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450