ޚަބަރު
ބައި-އިލެކްޝަން ވޯޓު ފޮށިތައް ބުދަ ދުވަހު އައްޑޫއަށް ފޮނުވަނީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން / ފޮޓޯ: ޕީއެސްއެމް
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ބޭނުންވާ ވޯޓު ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 6ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައެވެ. އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމުގެ ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.
މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައެވެ. އިލެކްޝަން ކޮމިޝަނުން ވަނީ އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.
އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.