ދުނިޔެ
ޖިންނި މޮޔަވެފައިވާ ކަމަށް ބުނެ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި އިމާމަކު އުމުރަށް ޖަލަށްލައިފި
އިންޑިއާއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ އަބްދުލް ހަލީމް ޚާން
އިނގިރޭސިވިލާތުގެ އީސްޓް ލަންޑަންގައި ދީނީ އިމާމެއްގެ ގޮތުގައި މަސައްކަތްކުރި، އިންޑިއާއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ އަބްދުލް ހަލީމް ޚާން، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ސްނޭރްސްބްރޫކް ކްރައުން ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި މި ހުކުމުގައިވަނީ، އަބްދުލް ހަލީމް ޚާން މަދުވެގެން 20 އަހަރު ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށެވެ. އޭނާގެ މައްޗަށް ރޭޕް ކުރުމާއި، ޖިންސީ ގޯނާ ކުރުމުގެ 21 ދައުވާއެއް ސާބިތުވެފައިވެއެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2005 އިން 2014 އަށް ހިނގި ނުވަ އަހަރުގެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ބަންގްލަދޭޝް ދަރިކޮޅުގެ ހަތް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައެވެ. މީގެ ތެރޭގައި އުމުރުން އެންމެ 12 އަހަރުގެ ކުޑަކުދިންވެސް ހިމެނެއެވެ. އޭނާ މި ޖަރީމާތައް ހިންގާފައިވަނީ އޭނާއަކީ ދީނީ އިލްމުވެރިއެއްގެ މަގާމުގައި ހުރެ، އޭނާގެ ކިބައިގައި ޣައިބުގެ ބާރުތަކެއް ހުންނަ ކަމަށް ބުނެ އޮޅުވާލައިގެންނެވެ.
ޚަބަރުތައް ބުނާގޮތުގައި، އަބްދުލް ހަލީމް ޚާން އޭނާގެ ޝިކާރައަކަށްވީ މީހުން ގާތުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑަށް "ޖިންނި" ވަދެފައިވާ ކަމަށާއި، އެއީ ޣައިބުގެ ބާރެއް ކަމަށެވެ. އަދި ބައެއް ފަހަރު ބަލިތައް ފަސޭހަކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެންވެސް އޭނާ ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެގޮތުން، ކެންސަރު ބަލި ހުރި ކަމަށް ބުނި ކުޑަ އަންހެން ކުއްޖަކަށް އެ ބަލި ފަސޭހަކޮށްދެވޭނީ ހަމައެކަނި އޭނާއަށް ކަމަށް ބުނެ، އެކަހެރި ތަނަކަށް ގެންގޮސް އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ލެސްލީ ކަތުބާޓް ވިދާޅުވީ، އަބްދުލް ހަލީމް ޚާން ވަނީ އޭނާގެ ދީނީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، އޭނާއަށް އިތުބާރުކުރި އަންހެނުންނާއި ކުޑަކުދިންނަށް ރަހުމުކުޑަ ގޮތަކަށް އަނިޔާވެރިވެފައި ކަމަށެވެ. އަދި އޭނާގެ ދީނީ ސޫރައިގެ ފުރަގަހުގައި ފޮރުވިގެން ހުރެ ހިންގާފައިވަނީ އަމިއްލަ އެދުމަށްޓަކައި ކުރި ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލުތަކެއް ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.