ދުނިޔެ
ހުޅަނގު އައްސޭރީގައި ކޮންމެ ހަފުތާއަކު އިސްރާއީލުން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލާ
އިސްރާއިލް ސިފައިން ޖަހާފައިވާ ފެންސެއްގެ ކައިރީގައި ހުޅަނގު އައްސޭރީގެ ސްކޫލެއްގެ ދަރިވަރުންތަކެއް. ފޮޓޯ: ރޮއިޓާސް
އިސްރާއީލުގެ އަސްކަރިއްޔާ އާއި ހަރުކަށި ވަޒަންވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގައި 2025 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ފަލަސްތީނުގެ 70 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.
މިއީ އެވްރެޖްކޮށް ކޮންމެ ހަފުތާއަކު އެއް ކުއްޖަކަށް ވުރެ ގިނަ އަދަދެކެވެ.
އދ. ގެ ކުޑަކުދިންނާ ބެހޭ އެޖެންސީ (ޔުނިސެފް) ގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ވަރުގަދަކުރަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން ކުޑަކުދިން އުފުލަންޖެހިފައިވާ ތަކުލީފުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު 850 ކުދިން ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޝަހީދުވި ނުވަތަ ޒަހަމްވި ކުދިންގެ ތެރެއިން ގިނަ ކުދިންނަށް ހަމަލާދީފައިވަނީ އަސްލު ވަޒަން ބޭނުންކޮށްގެން،" އެލްޑާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި މަރުތަކުގެ 93 އިންސައްތައަށް ޒިންމާވާންޖެހެނީ އިސްރާއީލުގެ ސިފައިންނެވެ. މީގެ އިތުރުން، އިސްރާއީލުގެ ވަޒަންވެރިން ދޭ ހަމަލާތައްވެސް ތާރީޚީ މިންވަރަކަށް އިތުރުވެފައިވާކަން އދ. އިން ވަނީ ފާހަގަކޮށްފައެވެ.
ޔުނިސެފުން ބުނި ގޮތުގައި ކުޑަކުދިންނަށް އަމާޒުކޮށް ބަޑިޖެހުމާއި، ވަޅިން ހަމަލާދިނުމާއި، ތަޅައި އަނިޔާކުރުން ފަދަ ލާއިންސާނީ އަމަލުތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، ކުދިން ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ކަމަށްވާ ގެދޮރާއި، ތައުލީމީ ނިޒާމާއި، ފެނުގެ ނިޒާމުތަކަށް ހަމަލާދީ ހަލާކުކުރަމުންދާ ކަމަށްވެސް އެލްޑާ ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 2،500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ އެމީހުންގެ ގެދޮރުން ބޭރުކޮށްލާފައެވެ. މީގެ ތެރޭގައި 1،100 ކުޑަކުދިން ހިމެނެއެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދުވަހު ގެދޮރު ގެއްލުނު މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ގައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހުޅަނގު އައްސޭރީގައިވެސް އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުން ފެށިގެން މިހާތަނަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރިން މަދުވެގެން 1،070 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ.