ދުނިޔެ
ބާރަ އަހަރަށްފަހު ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ގޭޓެއް ހުޅުވަނީ
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގައި އޮންނަ އަކްޗަކަލޭ ކްރޮސިންގ ގޭޓް ފެންނަނީ ސަންލިއުރްފާ ޕްރޮވިންސްގެ އަކްޗަކަލޭ. ފޮޓޯ: އޭއެފްޕީ
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކުރާ މަގެއް 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަންގާރަ ދުވަހު އަލުން ހުޅުވުމަށް ނިންމައިފި ކަމަށް ތުރުކީގެ އޮފިޝަލުން ހާމަކޮށްފިއެވެ.
މިއީ ސީރިއާގެ މަސްރަހު އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ތުރުކީގެ ސަންލިއުރްފާ ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަޙައްދުގެ ހާލަތު އާންމު ހާލަތަކަށް އެނބުރި އަންނަމުންދާތީ، އަކްޗަކަލޭ ބޯޑަރު ހުރަސްކޮށް ޕާސްޕޯޓް ބޭނުންކޮށްގެން ސީރިއާއަށް ވަދެ ނިކުމެ ހެދުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. މިއީ ތުރުކީ އާއި ސީރިއާގެ 900 ކިލޯމީޓަރުގެ ދިގު ބޯޑަރުގެ މެދުތެރޭގައި އޮންނަ މުހިންމު ހުރަހެކެވެ.
މި ބޯޑަރު ގޭޓް ތުރުކީން ބަންދުކުރީ 2014 ވަނަ އަހަރު، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމަށްފަހު ކުރުދީންގެ ބާރުގެ ދަށަށް އެ ސަރަޙައްދު ދިއުމާ ގުޅިގެންނެވެ. ތުރުކީން އަބަދުވެސް ދެކޭގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ނަމަވެސް 2019 ވަނަ އަހަރު ތުރުކީން ހިންގި އަސްކަރީ އޮޕަރޭޝަނަކަށްފަހު، ވިޔަފާރި އާއި ސަރުކާރުގެ ބޭނުންތަކަށް މި މަގު ވަނީ ކޮންމެވެސް މިންވަރަކަށް ހުޅުވާލާފައެވެ.
މި ނިންމުމާއެކު، ތުރުކީ އާއި ސީރިއާ ދެމެދު އޮންނަ 12 ބޯޑަރު ހުރަހުގެ ތެރެއިން 6 ހުރަހެއް މިހާރު ހުންނާނީ ހުޅުވިފައެވެ. ސީރިއާގެ އާ ވެރިންނާއެކު ތުރުކީން ގާތް ގުޅުމެއް ބާއްވަމުންދާއިރު، ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ ވަނީ މިދިޔަ އޭޕްރީލް މަހު ތުރުކީގައި ބޭއްވި ޑިޕްލޮމެސީ ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.