ދުނިޔެ

ސީރިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ފުރިހަމައަށް އިއާދަކުރުމަށް އީޔޫއިން ނިންމައިފި

ސީރިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ފުރިހަމައަށް އިއާދަކުރުމަށް އީޔޫއިން ނިންމައިފި

ޔޫރަޕިއަން ކޮމިޝަނަރ ފޯ ދަ މެޑިޓަރޭނިއަން ޑުބްރާވްކާ ސުއިކާ އާއި ސީރިއާގެ ފޮރިން މިނިސްޓަރ އަސަދު ޙަސަން އަލް-ޝައިބާނީ ބްރަސަލްސްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަނީ. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 07:06

11 މޭ 2026، 07:06

ސީރިއާގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައަށް ފަހު އެގައުމުގެ އިޤުތިޞާދު އިއާދަކުރުމަށް އެހީތެރިވުމުގެ ގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސީރިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ފުރިހަމައަށް އިއާދަކުރުމަށް ނިންމައިފިއެވެ.

ޔޫރަޕިއަން ކައުންސިލުން ހޯމަ ދުވަހު ބުނި ގޮތުގައި، މިއީ ސީރިއާ އާއި އީޔޫއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ނިންމުމަކީ ސީރިއާގެ އިޤުތިޞާދު ކޮޅަށް ޖެހުމަށް އީޔޫއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ސިޔާސީ މެސެޖެއް ކަމަށް ޔޫރަޕިއަން ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މި ނިންމުމާ ގުޅިގެން، ބްރަސަލްސްގައި އީޔޫގެ ޚާރިޖީ ވަޒީރުން ވަނީ ސީރިއާގެ އިސް ޑިޕްލޮމެޓް އަސަދު އަލް-ޝައިބާނީއާ ބައްދަލުކުރައްވައި، މަތީ ފަންތީގެ ސިޔާސީ މަޝްވަރާތައް ފައްޓަވާފައެވެ.

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމުމަކަށް އައުމާ ގުޅިގެން، އީޔޫއިން ވަނީ ސީރިއާއާއެކު އާ ބާބެއް ފަށާފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން ވިދާޅުވީ، ސީރިއާ އިއާދަކުރުމަށް ޔޫރަޕުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ސީރިއާ އާއި އީޔޫއާ ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލީ 2011 ވަނަ އަހަރު އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. 2010 ވަނަ އަހަރު ދެފަރާތުގެ ވިޔަފާރި 7 ބިލިއަން ޔޫރޯއަށް އަރާފައިވީ ނަމަވެސް، 2023 ވަނަ އަހަރު އީޔޫއިން ސީރިއާއިން އެތެރެކުރި މުދަލުގެ އަގު ވަނީ 103 މިލިއަން ޔޫރޯއަށް ދަށްވެފައެވެ.

މީގެ އިތުރުން، ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވުމުގެ މައްސަލައަކީވެސް މިހާރު ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމެކެވެ. ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 80 އިންސައްތަ ރެފިއުޖީން އަނބުރާ ގައުމަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިއީ ސީރިއާގެ ވަގުތީ ރައީސް އަހުމަދު އަލް-ޝަރާ ހުށަހެޅުއްވި އަދަދެއް ކަމަށް މާޒް ފަހުން ވަނީ ސާފުކޮށްދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450