ދުނިޔެ

އެމެރިކާއިން ހުށައަޅަނީ ދެކޮޅުނުޖެހޭ "ޑިމާންޑުތަކެއް": އިރާން

އެމެރިކާއިން ހުށައަޅަނީ ދެކޮޅުނުޖެހޭ "ޑިމާންޑުތަކެއް": އިރާން

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 04:44

11 މޭ 2026، 04:44

ހަނގުރާމަ ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅަނީ ބުއްދިގަބޫލުނުކުރެވޭ އަދި އެއްކޮޅަށް ބުރަވެފައިވާ ޑިމާންޑްތަކެއް ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ތުހުމަތުކުރައްވައިފިއެވެ.

 ދެ ގައުމުގެ ދެމެދުގައި ފަށާފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، މަޝްވަރާތަކުގައި ދެފަރާތުގެ ޚިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.

އީރާނުން ޕާކިސްތާން މެދުވެރިކޮށް އެމެރިކާގެ ހުށަހެޅުމަށް ދިން ޖަވާބާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޝަރުތުތަކަކީ "މުޅިން ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން" ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަގާއީ ވިދާޅުވީ އީރާނުގެ ހުށަހެޅުމަކީ ސަރަޙައްދީ ސަލާމަތަށްޓަކައި ހުށަހެޅި ރަނގަޅު އަދި ޤާނޫނީ ހުށަހެޅުމެއް ކަމަށެވެ.

އީރާނުގެ މައިގަނޑު ޑިމާންޑުތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި، ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމާއި، އެމެރިކާގެ ނުފޫޒުން ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.

"އަހަރެމެން އެއްވެސް އިނާޔަތަކަށް ނޭދެން. އަހަރެމެންގެ އެދުމަކީ ގާނޫނީ އެދުމެއް: ހަނގުރާމަ ހުއްޓާލުމަށާއި، ބްލޮކޭޑް އުވާލުމަށާއި، ނުހައްގުން ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުމަށް،" ބަގާއީ ވިދާޅުވިއެވެ.

މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބްރެންޓް ކްރޫޑްގެ އަގު 4.65 އިންސައްތަ މައްޗަށް ގޮސް ފީފާއެއް 99.95 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޑަބްލިއުޓީއައި ތެލުގެ އަގު ވަނީ 105.5 ޑޮލަރަށް އުފުލިފައެވެ. 

ހޮރުމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވިލާތުގެ ޤައުމުތަކުން މަނަވަރުތައް ފޮނުވަން އުޅޭ އުޅުމަށް އިޝާރާތްކުރައްވައި ބަގާއީ ވިދާޅުވީ، ވިލާތުގެ ގައުމުތަކުން އެމެރިކާ އާއި އިޒްރޭލުގެ މަޅީގައި ނުޖެހުމަށް ގޮވާލާފައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އިސްނަގައިގެން 50 އަށްވުރެ ގިނަ ގައުމު ހިމެނޭ ކޯލިޝަނަކުން މި ސަރަޙައްދުގެ ކަނޑުގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ވަނީ އިޢުލާންކޮށްފައެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އަންގާރަ ދުވަހު ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އީރާނުން އިންޒާރު ދީފައިވަނީ ހޮރުމޫޒް ކަނޑުއޮޅިއަށް އެއްވެސް ފަރާތަކުން ވަދެގަންނަން މަސައްކަތް ކޮށްފިނަމަ، މަސްލަހަތު އިތުރަށް ގޯސްވެ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450