ދުނިޔެ
ގަލްފުގެ ޤައުމުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެއްޖެ
ހޯރްމުޒް ކަނޑުއޮޅި ކައިރިން ކަނޑުމަތީގައި މުދާ އުފުލާ ބޯޓުތަކެއް ދަތުރުކުރަނީ. ފޮޓޯ:އޭޕީ
ގަލްފްގެ ގައުމުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމުން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.
ގަތަރުން ބުނި ގޮތުގައި އާދީއްތަ ދުވަހު އެ ޤައުމުގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، ބޯޓުގައި އަލިފާން ރޯވިއެވެ. މީގެ އިތުރުން ކުވެއިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ އެ ގައުމުތަކަށް އަމާޒުވި ޑްރޯން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، އޭޕްރީލް 8 ގައި އަމަލުކުރަން ފެށި ނާޒުކު ސުލްހައިގެ އެއްބަސްވުމަށް މިވަނީ ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ.
ޤައުމުތަކުގެ ރައްދު
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އީރާނުން ފޮނުވާލި ދެ ޑްރޯންއެއް އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ. ކުވެއިތުން ބުނީ ފަތިހުގެ ވަގުތެއްގައި އެ ޤައުމުގެ ވައިގެ ސަރަޙައްދުން ފެނުނު "ދުޝްމަނުންގެ ޑްރޯންތަކަކަށް" ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. ގަތަރުގެ ކަނޑުގެ ސަރަޙައްދުގައި ހަމަލާ އަމާޒުވި ބޯޓަކީ އަބޫދާބީން ފުރައިގެން ގަތަރުގެ މަސައީދު ބަނދަރަށް ދަތުރުކުރި ބޯޓެކެވެ. ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި ތިމާވެއްޓަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އިންޒާރު ދީފައެވެ. އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ނުވަތަ ވިޔަފާރި ބޯޓުތަކަށް ދޭ ކޮންމެ ހަމަލާއަކަށް، އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ މަޖިލީހުގެ ފޮރިން ޕޮލިސީ ކޮމިޓީގެ ތަރުޖަމާނު އިބްރާހީމް ރޭޒާއީ ވިދާޅުވީ އީރާނުން ކެތްތެރިކަން އިސްކުރި ދުވަސްތައް ނިމިއްޖެ ކަމަށާއި، އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅަށް ވަގުތު ގުނަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްނުވާނަމަ އަލުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާގެ ހުށަހެޅުންތަކުގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުން ހިމެނެއެވެ. މި ދަނޑިވަޅުގައި ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީ ގެންދަވަނީ ދެ ފަރާތުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވައި، ދާއިމީ ސުލްހައަކަށް މަސައްކަތް ކުރައްވަމުންނެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ އީރާނުން ބަލި ގަބޫލުކުރުން ނޫން ކަމަށާއި، އަމާޒަކީ އީރާނުގެ ރައްޔިތުންގެ ހައްގުތަކާއި ޤައުމީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.