ދުނިޔެ

ހަންޓާވައިރަސް ފެނުނު ކްރޫޒް ޝިޕުން ފަސިންޖަރުން ބާލަން ފަށައިފި

ހަންޓާވައިރަސް ފެނުނު ކްރޫޒް ޝިޕުން ފަސިންޖަރުން ބާލަން ފަށައިފި

ކްރޫޒް ޝިޕުން ފަސިންޖަރުން ބާލައިގެން ގެންދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2026، 03:54

10 މޭ 2026، 03:54

ސްޕެއިންގެ ޓެނެރީފް އައިލެންޑް ކައިރީގައި އޮތް "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް ޝިޕެއްގައި "ހަނޓާވައިރަސް" ފެތުރެމުންދާތީ، އެ އުޅަނދުން ފަސިންޖަރުން ބޭލުމުގެ ކުއްލި މަސައްކަތް ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ގްރަނަޑީލާ ޑި އަބޯނާގެ އައްސޭރިފަށުގައި ބަނދަރުކޮށްފައި އޮތް މި އުޅަނދުން ސްޕެއިންގެ ރައްޔިތުން އެންމެ ފުރަތަމަ ބޭލުމަށެވެ. ފަސިންޖަރުން އުޅަނދުން ބާލަމުންދަނީ ކުދި ގްރޫޕްތަކަށް ބަހާލައިގެން ކުދި ބޯޓުފަހަރުގައެވެ. ބަނދަރަށް ބޭލުމަށްފަހު، މި މީހުން ބަސްތަކުގައި އެއާޕޯޓަށް ގެންގޮސް، އެތަނުން އަސްކަރީ މަތިންދާބޯޓުތަކުގައި މެޑްރިޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މެޑްރިޑަށް ގެންދާ ފަސިންޖަރުން ކަރަންޓީނު ކުރުމަށްޓަކައި ހޮސްޕިޓަލްތަކުގައި ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އެކަހެރިކުރެވޭ މީހުން އާންމުންނާ ބައްދަލުނުވާނެހެން ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށެވެ.

ފަސިންޖަރުން ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ސްޕެއިންގެ ރައްޔިތުންނަށްފަހު ދެން ބާލާނީ ނެދަލޭންޑްސްގެ މީހުންނެވެ. އޭގެ ފަހުން ޖަރުމަނު، ބެލްޖިއަމް އަދި ގްރީސްގެ ރައްޔިތުން ބޭލުމަށް ވަނީ ހަމަޖެހިފައެވެ. ތުރުކީ، ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާގެ ރައްޔިތުން ބޭލުމަށް ހަމަޖެހިފައިވަނީ އޭގެ ފަހުގެ މަރުހަލާތަކުގައެވެ. އެންމެ ފަހު މަރުހަލާގައި ބާލާނީ އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ފަސިންޖަރުންނެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، މި އުޅަނދުގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވައިރަހަށް ހުށަހެޅިފައިވާ "ހައި ރިސްކު" ބައެއްގެ ގޮތުގައި ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާދީފައިވަނީ އާދީއްތަ ދުވަހުން ފެށިގެން 42 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށެވެ.

މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނެދަލޭންޑްސްގެ ދެމަފިރިއަކާއި ޖަރުމަނުވިލާތުގެ މީހެކެވެ. މީގެ އިތުރުން ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ސްޕެއިންގެ ސިއްހީ އޮފިޝަލުން ވިދާޅުވަނީ އާންމު ރައްޔިތުންނަށް މިކަމުގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450