Ads by Farudhun

ޚަބަރު

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމެއްގައި ދެ ދިވެހި ފުލުހަކު ބައިވެރިވެއްޖެ

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމެއްގައި ދެ ދިވެހި ފުލުހަކު ބައިވެރިވެއްޖެ

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ފުލުހުން

10 މޭ 2026، 12:26

އިންޑޮނޭޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން (ޖޭ.ސީ.އެލް.އީ.ސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 'ރެންސަމްވެއަރ އިންވެސްޓިގޭޝަން' ތަކާއި ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

"ރެންސަމްވެއަރ" ގެ ނަމުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ، ރެންސަމްވެއަރއާ ގުޅުންހުރި މައްސަލަތަކާއި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ތަޙުޤީޤީ ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަނާ އަހުމަދާއި ސާޖަންޓް އަލީ އާސިފް މޫސާ އެވެ.

މި ޕްރޮގްރާމަކީ، ރެންސަމްވެއަރގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުށުގެ މައިދާން ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު އޮފިސަރުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގި ތަމްރީން ޕްރޮގްރާމެކެވެ. އެގޮތުން، ހެކި ރައްކާތެރިކުރުމާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާ މުޢާމަލާތްކުރާނެ ގޮތްތަކާއި، ޢާންމު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުމުގެ އިތުރުން ރެންސަމްވެއަރ ހާދިސާތަކާ ގުޅޭ ފުރަތަމަ މަރުހަލާގެ ތަޙުޤީގީ އުކުޅުތަކާ ގުޅޭގޮތުން މި ތަމްރީނުގައި މަޢުލޫމާތު ދީފައިވެއެވެ.

މިފަދަ ޚާއްޞަ ތަމްރީނުތަކާއި ބައިނަލްއަޤްމީ ގުޅުންތަކުގެ އެހީގައި، އަލަށް އުފެދޭ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450