ދުނިޔެ
އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ، ސަޕްލައި ކެނޑިދާނެ ކަމުގެ ބިރުބޮޑު
އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލުން. ފޮޓޯ: ރޮއިޓާސް
ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ ސަޕްލައިކުރުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުމާއި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ދިގު މުއްދަތަކަށް ހިސާރުކޮށްފާނެ ކަމުގެ ބިރާއެކު، ތެލުގެ އަގު 6 އިންސައްތައަށްވުރެ މައްޗަށް ގޮސް، ފާއިތުވި ހަފުތާތަކުގައި އަގުތައް ހުރި އެންމެ މަތީ މިންވަރަށް އުފުލިއްޖެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، ބުދަ ދުވަހު އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 6.95 އިންސައްތަ މައްޗަށް ގޮސް 106.88 ޑޮލަރަށް ވަނީ އަރާފައެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު 6.08 އިންސައްތަ ނުވަތަ 6.77 ޑޮލަރު މައްޗަށް ގޮސް، 118.03 ޑޮލަރަށް ވަނީ އަރާފައެވެ.
މިއީ ޖޫން 2022 ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހުގެ ޖީ.އެމް.ޓީ އިން 00:57 އާ ހަމައަށް ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 119.94 ޑޮލަރަށް އުފުލިފައިވާއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓްގެ އަގު ހުރީ 107.51 ޑޮލަރުގައި ކަމަށް ރޮއިޓާސްއިން ބުނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ދެ މަސްވީ ހަނގުރާމައަށް އެއްވެސް ހައްލެއް ފެންނަން ނެތުމާއި، އީރާނުގެ ސިފައިން އުޅަނދުފަހަރު ދަތުރުކުރުން ހުއްޓުވާފައިވާ ހޯރްމޫޒް ކަނޑުއޮޅީގައި ތެޔޮ ސަޕްލައި ތާށިވެފައިވުމުގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކާއި މުދާ އުފުލާ އުޅަނދުތައް ހިސާރުކުރަމުންދާތީ ތެލުގެ އަގު ދަނީ މެދުނުކެނޑި އުފުލެމުންނެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނުގެ ބަނދަރުތައް މަސްތަކަކަށް ހިސާރުކޮށްފާނެތީ، އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ތެޔޮ ކުންފުނިތަކާ ސުވާލުކުރައްވާފައެވެ.
ރައީސް އާއި ތެޔޮ ކުންފުނިތަކުގެ އިސްވެރިން މަޝްވަރާކުރެއްވީ "ދުނިޔޭގެ ތެލުގެ ބާޒާރަށް ލުޔެއް ހޯދައިދިނުމަށް ރައީސް ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ބޭނުންވެއްޖެ ނަމަ މިހާރު އޮތް ހިސާރުކުރުން މަސްތަކަކަށް ކުރިއަށް ގެންދިއުމަށާއި، އެމެރިކާގެ ކޮންސިއުމަރުންނަށް ކުރާ އަސަރު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން" ކަމަށް ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވިއެވެ.
ޓްރަމްޕް ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ މަޝްވަރާކުރެއްވި ޚަބަރާއެކު، ތެޔޮ ސަޕްލައިއަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ބާޒާރުގައި އުފެދިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާއިން 25 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ޕެންޓަގަނުން ފުރަތަމަ ފަހަރަށް ވަނީ ހާމަކޮށްފައެވެ.
އައި.ޖީ މާކެޓް އެނަލިސްޓް ޓޯނީ ސައިކަމޯރ، މިހާރުގެ ހާލަތާ ބެހޭގޮތުން ލިޔުއްވި ނޯޓެއްގައި ވިދާޅުވީ، އީރާނުގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ހައްލެއް ލިބުމުގެ ނުވަތަ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ދެކުނު ކޮރެއާގެ ސޯލްއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ބާނަބީ ލޯ ބުނީ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގާތްގަނޑަކަށް ހުރިހާ ގައުމަކީ ތެޔޮ އިމްޕޯޓްކުރުމަށް ބަރޯސާވާ ގައުމުތަކެއް ކަމަށާއި، އޭގެ ބޮޑު ބައެއް އަންނަނީ މެދުއިރުމަތިން ކަމަށެވެ.
"އެހެންކަމުން ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 120 ޑޮލަރަށް އެރުމުން، މިއީ މި ސަރަހައްދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއްކަމާމެދު ޝައްކެއް ނެތް. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މިހާރުވެސް ވަނީ މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން މި އަހަރު 5.1 އިންސައްތައިން 4.7 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކޮށްފައި،" ލޯ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ، "މިހާރުވެސް މި ސަރަހައްދުގެ މިލިއަނުން ނުވަތަ ބިލިއަނުން ގުނާލެވޭ ރައްޔިތުން ދަނީ ތެލުގެ އަގު ބޮޑުވުމާއި، އަސާސީ މުދަލާއި ތަކެތީގެ އަގު އުފުލުމުގެ ތަކުލީފު އުފުލަމުން" ކަމަށެވެ.
'ތެލުގެ އަގު ދަށްކުރުން، ހުރިހާ އެއްޗެއްގެ އަގު ދަށްކުރުން' އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް (އޯޕެކް) އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ވަކިވާން ނިންމި ނިންމުމަށް ބުދަ ދުވަހު ރައީސް ޓްރަމްޕް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، "އަޅުގަނޑު ހިތުން މިއީ ވަރަށް ރަނގަޅު ކަމެއް" ކަމަށެވެ.
ޔޫ.އޭ.އީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަކީ "ވަރަށް ބުއްދިވެރި" ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ "އަމިއްލަ ގޮތެއްގައި" ކުރިއަށްދާން ކަމަށް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ނަތީޖާގައި ތެލުގެ އަގު ދަށްކުރުމަށާއި، ހުރިހާ އެއްޗެއްގެ އަގު ތިރިކުރުމަށް ލިބޭނެ ބޮޑު ބާރެއް،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ޔޫއޭއީ އިން އޯޕެކް އަދި އޯޕެކް ޕްލަސް އިއްތިހާދުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަކިވާނެކަން އަންގާރަ ދުވަހު އިޢުލާންކޮށްފިއެވެ. މާހިރުން މި ނިންމުމަށް އުންމީދުކޮށްގެން ތިބީ، ތެލުގެ އަގު ކޮންޓްރޯލްކޮށް މާކެޓް ހަމަޖެއްސުމަށްޓަކައި މެންބަރު ގައުމުތަކުން އުފައްދާ މިންވަރު ހިފެހެއްޓުމަށް އޯޕެކުން ގެންގުޅޭ ސިޔާސަތާ މެދު ޔޫއޭއީ އިން ހިތްހަމަނުޖެހުން ފާޅުކުރާތާ އަހަރުތަކެއް ވެފައިވާތީއެވެ.
މާހިރުން ބުނެފައިވަނީ، ޔޫއޭއީ އިން ވަކިވުމުގެ ސަބަބުން މާކެޓަށް ވަގުތުން އަސަރެއް ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އެއީ އަވަށްޓެރި އެހެން ގައުމުތަކެކޭ އެއްފަދައިން، ހޯރްމޫޒް ކަނޑުއޮޅި އީރާނުގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުން ޔޫއޭއީގެ އެކްސްޕޯޓަށް މިހާރުވެސް ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ.
އޯޕެކުން ވަކިވުމުން، އެކްސްޕޯޓް އަލުން ފެށުމާއެކު އުފައްދާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ޔޫއޭއީއަށް ލިބުނު ނަމަވެސް، މިއަހަރުގެ ތެރޭގައި މާކެޓުގެ އަސާސީ ކަންކަމަށް އޭގެ ސަބަބުން ބަދަލެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެނަލިސްޓުން ބުނެއެވެ.
ވަކިން ހާއްސަކޮށް ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ހަނގުރާމައިގެ ސަބަބުން އުފެއްދުންތެރިކަމަށް އައިސްފައިވާ އެހެނިހެން ބުރޫތަކާ ހުރެއެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވުޑް މެކެންޒީގެ އެނަލިސްޓުން ފާހަގަކޮށްފައިވަނީ "ޔޫއޭއީ ހިމެނޭގޮތަށް ގަލްފުގެ ގައުމުތަކުން ހަނގުރާމައިގެ ކުރިން އުފައްދަމުންދިޔަ މިންވަރަށް ރުޖޫޢަވުމަށް މަސްތަކެއް ނަގާނެ" ކަމަށެވެ.