ޚަބަރު
ޤާނޫނާ ޚިލާފުނުވާ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީ އާއި ޕީއެންއެފްއަށް އިލްތިމާސްކޮށްފި
އެމްޑީޕީއިން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން / ފޮޓޯ: އެމްޑީޕީ
ފަރުދުން
29 އޭޕްރީލު 2026، 08:20
29 އޭޕްރީލު 2026، 08:20
ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުނުވާ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.
އީސީއިން މި އެންގުން އަންގާފައި މިވަނީ، އެ ދެ ޕާޓީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަ ކުރެވުމުންކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، އެ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިޔަށްގެންދިއުމަށް އިލްތިމާސްކޮށް ސިޓީއެއް ފޮނުވާފައިވާކަމަށް އީސީއިން ވަނީ ހާމަކޮށްފައެވެ.
އެ ސިޓީގައި ޕާޓީތަކަށް އަންގާފައި ވާނީ ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށްކަމަށް އީސީއިން ވިދާޅުވެއެވެ.
އަދި ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން މަރުޚަބާ ކިޔާނެކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.