ދުނިޔެ
އީރާނުގެ ކަނޑުގެ ސަރަހައްދު ބަންދު ކުރިތާ 19 ދުވަސް: އެމެރިކާއިން އިތުރު އުޅަނދެއް ހިފަހައްޓައިފި
އެމެރިކާއިން އިރާނުގެ ކަނޑުގެ ސަރަހައްދު ބަންދުކުރުން
އީރާނާ ދެކޮޅަށް އެމެރިކާއިން އިއުލާންކޮށްފައިވާ ކަނޑުގެ ބަންދަށް 19 ދުވަސް ވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެޔޮ އުފުލާ އިތުރު އުޅަނދެއް ހިފަހައްޓައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ކަނޑު ބަންދު ކުރި ފަހުން މިހާތަނަށް 37 އުޅަނދެއްގެ މިސްރާބު ވަނީ ބަދަލުކޮށްލާފައެވެ.
ސެންޓްކޮމް އިން ބުނީ އަރަބި ކަނޑުން ހިފަހައްޓާފައިވަނީ އީރާނުގެ "ޝެޑޯ ފްލީޓް" ގައި ހިމެނޭ "ސީވަން" ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ. އެމެރިކާގެ މިއުސައިލް ޑިސްޓްރޯޔާ "ޕިންކްނީ" ގެ ހެލިކޮޕްޓަރަކުން މި އުޅަނދު ހިފެހެއްޓީ އީރާނުގެ ތެޔޮ ބޭރުގެ ބާޒާރުތަކަށް ގެންދަން އުޅެނިކޮށެވެ. މިހާރު އެ އުޅަނދު ދަތުރުކުރަމުންދަނީ އެމެރިކާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އަނބުރާ އީރާނަށް ދިއުމަށެވެ.
އެމެރިކާއިން އިރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަމުންދާއިރު ސަރަހައްދީ މަޝްވަރާތަކަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރާގްޖީ އަލުން ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޮމާންގެ މަސްކަޓަށް ކުރެއްވި ދަތުރުފުޅަށްފަހު އިރާގްޖީ އާދީއްތަ ދުވަހުގެ ރޭ އިސްލާމްއާބާދަށް ވަޑައިގަންނަވާނެ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ދަތުރުފުޅާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބުނީ "އީރާނު މީހުންނާ ބައްދަލުކުރުމަށް ޕާކިސްތާނަށް ކުރަން އޮތް ދަތުރު އަހަރެން ކެންސަލް ކޮށްފިން. އެކަމަށް ގިނަ ވަގުތާއި މަސައްކަތް ބޭކާރުވެއްޖެ" ކަމަށެވެ.
އެމެރިކާއިން ކަނޑު ބަންދު ކުރިތާ 19 ދުވަސް ވެފައިވާއިރު، އީރާނުގެ ބާޒާރުތަކުގައި އަސާސީ ތަކެތި އަދިވެސް ލިބެން އެބަހުއްޓެވެ. ނަމަވެސް ތަކެތީގެ އަގު އުފުލެމުންދާތީ އާންމުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާގެ ބޭނުމަކީ މި ބަންދުގެ ސަބަބުން ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުން ކަމަށާއި، ނަމަވެސް އެއްގަމު މަގުންނާއި އެހެނިހެން ގޮތްގޮތުން ބަންދުކޮށްފައިވާ ހިސާބު ފޫއަޅުވާލާނެ ކަމަށެވެ.