ޚަބަރު
ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކަށް ޚާއްޞަކޮށް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" މި އަހަރުވެސް ދޭނެ
އާންމު ތަންތާގައި ދުންފަތުގެ އިސްތިއުމާލެ ކުރުމަކީ ރާއްޖޭގައި މަނާކަމެއް---
ފަރުދުން
20 އޭޕްރީލު 2026، 10:04
20 އޭޕްރީލު 2026، 10:04
ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" މި އަހަރުވެސް އެކަމަށް އެކަށޭނަ ފަރާތްތަކަށް އަރުވާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ގެ ނަމުގައި ޢިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި ޢިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
މި އެވޯޑު ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި އެވޯޑަށް އެދި ހުށަހެޅެނީ ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތްކޮށް އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރަމުންދާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން މި އިނާމަށް ހުށަހެޅުމަށް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިފައެވެ.
މި އަހަރު މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ: “Unmasking the Appeal – Countering Nicotine and Tobacco Addiction” އެވެ. ދިވެހި ބަހުން މި ޝިޢާރު ބޭނުން ކުރާނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މި ގޮތަށެވެ.
މި އެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމާ ގުޅޭ ފޯމު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އީމެއިލް [email protected] އަށް 2026 މޭ 2 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.