ޚަބަރު
ތިނަދޫގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް މިއަހަރު ނިންމާ ޚިދުމަތް ފަށަނީ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ފޮޓޯ:އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު
ގދ. ތިނަދޫ ސިޓީގައި އަލަށް ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފަށާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ތިނަދޫ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.
އަޝްރަފް ފާހަގަކުރެއްވި ގޮތުގައި، ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ގިނަ އަދަދެއްގެ އާއިލާތަކެއް ދިރިއުޅޭ ސަރަޙައްދެކެވެ. ވަކިން ޚާއްސަކޮށް ތިނަދޫގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހުރީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ނުވަތަ "އެލާމިން ލެވެލް" އެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުން، އަޝްރަފް
އަޝްރަފް އިތުރަށް ވިދާޅުވީ، މިހާރުވެސް އެފަދަ ފަރުވާ ހޯދުމަށް ގިނަބަޔަކު އަންނަ ކަމަށާއި، އޭގެ ތެރޭގައި ސްކޫލް ކުދިން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. މިހާރު މި ކްލިނިކްގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންދަނީ ވީހާވެސް އަވަހަކަށް ޚިދުމަތް ފެށުމުގެ މަޤްޞަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ޚިދުމަތް ފަށާއިރު، ހަމައެކަނި އިމާރާތެއްގެ އިތުރުން ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންވެސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ސީއީއޯ ދެއްވިއެވެ.