ދުނިޔެ
ތުރުކީގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 9 މީހުން މަރާލައިފި
ބަޑީގެ ހަމަލާ ދިން ސްކޫލް
ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަހްރަމަންމަރާޝްގެ މިޑްލް ސްކޫލެއްގައި ބުދަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި ނުވަ މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ޗިފްޗީ ވިދާޅުވެއްޖެއެވެ.
އޮނިކީޝުބަތު ޑިސްޓްރިކްޓްގެ އައިޝެލް ޗާލިކް މިޑްލް ސްކޫލްގައި މި ހަމަލާ ދީފައިވަނީ އުމުރުން 13 އަހަރުގެ ދަރިވަރެކެވެ. ކަހްރަމަންމަރާޝްގެ ގަވަރުނަރު މުކައްރަމް އުންލުއާ ވިދާޅުވި ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޓީޗަރަކާއި ތިން ދަރިވަރުން ހިމެނެއެވެ. އަދި ހަމަލާ ދިން ދަރިވަރު ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، އަށްވަނަ ގްރޭޑްގައި ކިޔަވާ މި ދަރިވަރު ސްކޫލަށް އައީ އޭނާގެ ބައްޕަގެ ފަސް ބަޑި ދަބަހަށް އަޅައިގެންނެވެ. "އޭނާ ދެ ކްލާސް ރޫމަކަށް ވަދެ ދިޔައީ އެކި ދިމާދިމާލަށް ބަޑި ޖަހަމުން،" ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ހަމަލާ ދިން ކުއްޖާއަކީ ކުރީގެ ފުލުހެއްގެ ދަރިއެއް ކަމަށާއި، އޭނާގެ ބައްޕަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގި ވަގުތު ކައިރި އިމާރާތެއްގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބަޑީގެ އަޑު އިވުމާއެކު ދަރިވަރުން ވަނީ ސަލާމަތްވުމަށްޓަކައި ސްކޫލްގެ ފުރަތަމަ ބުރީގެ ކުޑަދޮރުތަކުން ބޭރަށް ފުންމާލާފައެވެ. މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި ތުރުކީގެ ސްކޫލެއްގައި ދިން ދެވަނަ ހަމަލާއެވެ. އަންގާރަ ދުވަހު ވެސް ސަނިއުރްފާ ޕްރޮވިންސްގެ ސްކޫލެއްގައި ކުރީގެ ދަރިވަރަކު ބަޑިން ހަމަލާދީ 16 މީހުން ޒަޚަމްކޮށްލާފައިވެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މި ހާދިސާތަކުގައި އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފައެވެ.
ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން ޕްރޮސިކިއުޓަރުން ވަނީ ވަގުތުން ތަހުގީގެއް ފަށާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސްކޫލް ހަތަރު ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.